ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް މާދަމާއިން ފެށިގެން އަލުން ހުޅުވައިގެން ހިދުމަތް ދޭން ނިންމައިފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ހިދުމަތް ދޭ ބީއެމްއެލް އިން މިއަދު ބުނީ އެ ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް މާދަމާއިން ފެށިން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރުފަހު 2:00 އަށް ހުޅުވައިގެން ހިދުމަތް ދޭނެ ކަމަށެވެ. މިގޮތުން ދެމުންދާނީ އޮންލައިން އަދި ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
އޮންލައިން ޓޯކަން
ބޭންކުގެ ހިދުމަތްތައް ހޯއްދެއްވުމަށް ކަސްޓަމަރުންނަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެ އެވެ. އަދި ކިއުބީ އެޕް މެދުވެރިކޮށް ކިއުގައި ތިބި ކަސްޓަމަރުންގެ އަދަދު ބްރާންޗަށް އައުމުގެކުރިން އޮންލައިންކޮށް ބަލާލެވޭނެ އެވެ. ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 8.00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެ އެވެ.
އެޕޮއިންޓްމަންޓް މެދުވެރިކޮށް ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތައް
އެކައުންޓް އޯޕަނިން ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރު މެދުވެރިކޮށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ކަސްޓަމަރުންނަށް ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް އެދި ހުށަހެޅޭނެއެވެ.
އޮންލައިންކޮށްދޭ ހިދުމަތާއި ޗެކް ޕްރޮސެސްކުރުމަށް ކަނޑައެޅިފައިވާ ސުންގަޑި
ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާކުރުމާއި އެހެނިހެން ބޭންކުތަކުގެ ޗެކް ޕްރޮސެސް ކުރުން ކޮންމެ ދުވަހަކު ހެނދުނު 11.00ގެ ކުރިން ލިބޭ ރިކުއެސްޓް އަދި ޗެކްތައް އެ ދުވަހު ޕްރޮސެސް ކުރެވޭނެ އެވެ.
އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުން، ލޯކަލް ބޭންކް ޓްރާންސްފާ، ޕޭ ރޯލް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން) ޚިދުމަތް ހެނދުނު 12.00ގެ ކުރިން ލިބޭ ރިކުއެސްޓް އަދި ޗެކްތައް އެދުވަހު ޕްރޮސެސް ކުރެވޭނެ އެވެ.
ބީއެމްއެލް އިން ބުނީ އެ ވަގުތުތަކުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ވާނީ ދެން ބޭންކު ހުޅުވޭ ދުވަހު ކަމަށެވެ.
"އަޅުގަނޑުމެން އެދެނީ ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިންގ ހިދުމަތް ބޭނުންކުރައްވައި، އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުންކުރެއްވުމަށެވެ." އެ ބޭންކުން ބުންޏެވެ.