ކުޑަކުދިންނާ ގުޅޭގޮތުން ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަށް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަފާސްހިސާބު ދައްކާގޮތުން މިދިޔަ ދެ އަހަރާއި މި އަހަރުގެ ފާއިތުވި ހަ މަސް ދުވަހު ރާއްޖޭގައި ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ. އެއީ މާލެއާއި އަތޮޅުތަކަށް ހިމެނޭ ގޮތަށެވެ.

މި އަހަރުގެ މިހާތަނަށް ކުޑަކުދިން ހިމެނޭ މަސްތުވާތަކެތީގެ 18 މައްސަލައެއް ހުށަހަޅާފައިވާއިރު، މިދިޔަ އަހަރު 77 މައްސަލައެއް އަދި 2019 ގައި 115 މައްސަލައެއް ހުށަހަޅާފައިވެ އެވެ. މި ކޭސްތައް އެންމެ ގިނައީ މާލޭގަ އެވެ.

މާލެ އިން މި އަހަރު ހަތް މައްސަލައެއް ހުށަހަޅާފައިވާއިރު، މިދިޔަ އަހަރު 37 މައްސަލައެއް އަދި 2019 ގައި 69 މައްސަލައެއް ހުށަހަޅާފައިވެ އެވެ. ރަށްރަށުން މިދިޔަ އަހަރު 40 މައްސަލައެއް ހުށަހަޅާފައިވާއިރު، 2019 ގައި އެ އަދަދު ހުރީ 46 ގަ އެވެ. އަދި އަތޮޅުތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް އެންމެ ގިނައީ ކ އާއި ތ އަދި ރ އަތޮޅުގަ އެވެ. ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ފާއިތުވި ދެ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާއި މި އަހަރުގެ އެހާތަނަށް ހުށަހެޅި ކުޑަކުދިން ހިމެނޭ މަސްތުވާތަކެތީގެ މައްސަލަތައް، ކުރިއަށް ވުރެ މަދެވެ.

ކުޑަކުދިން ހިމެނޭ ކުށްތަކުގެ ތެރޭގައި ދެން އެންމެ ގިނައީ ވައްކަމާއި އަނިޔާ އަދި އެކްސިޓެންޓުތަކުގެ މައްސަލަތަށް ކަމަށް ތަފާސްހިސާބުން ދައްކަ އެވެ.