ބެންކޮކް (03 ޖުލައި) - ވެކްސިން ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނަށް ތައިލެންޑްގެ ފުކެޓް ހުޅުވާލުމާއެކު އެ ގައުމުގައި އަނެއްކާ ވެސް ކޮވިޑް ކޭސްތަކުގެ އަދަދު މައްޗަށް ދާން ފަށައިފި އެވެ.

ތައިލެންޑްގައި ފާއިތުވެދިިޔަ ހަފްތާ ތަކުގެ ތެރޭގައި ކޮވިޑްގެ ހާލަތު ގޯސްވުމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވިފައި ވަނީ ހަލުވިކަމާއެކު ފެތުރޭ ކޮވިޑް-19ގެ ވޭރިއަންޓްއެއް ކަމަށްވާ ޑެލްޓާ ވޭރިއަންޓް އެ ގައުމުގައި ފެތުރެމުން ދިޔުމާއި އެ ގައުމުގެ ވެކްސިން ޕްރޮގްރާމް ލަސްވުން ހިމެނެ އެވެ.

ހޮނިހިރު ދުވަހު އެ ގައުމުގައި 6،230 ކޮވިޑް ކޭސް ފެނިފައި ވާއިރު، އެއީ މެއި މަހުގެ މެދުތެރެއިން ފެށިގެން މިހާ ގިނަ އަދަދަކަށް 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑް ކޭސްތައް ފެނުނު ފުރަތަމަ ފަހަރެވެ.

ކޮވިޑްގެ ތިންވަނަ ރާޅުން ތައިލެންޑްގައި ހަމައަކަށް ނޭޅި އުޅެނިކޮށް އެ ގައުމުން ވަނީ ފަތުރުވެރިންނަށް ގައުމުގެ ބައެއް ސަރަހައްދުތައް ހުޅުވާލާފަ އެވެ. ފާއިތުވެ ދިޔަ މަހު ބޮޑުވަޒީރު ޕްރަޔުތް ޗަން އޯ ޗަން ވަނީ ކުރިއަށް އޮތް 120 ދުވަހުގެ ތެރޭގައި އެ ގައުމު އެއްކޮށް ހުޅުވާލާނެ ކަމަށް ވައުދުވެފަ އެވެ.

ތައިލެންޑްގެ އިގްތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ފަތުރުވެރިކަމަށް ވީއިރު، ކޮވިޑް 19ގެ ސަބަބުން 2020 ވަނަ އަހަރު އެ ގައުމަށް ވަނީ 50 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފަ އެވެ.

ތައިލެންޑްގައި މިހާތަނަށް 270،000 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެނިފައި ވާއިރު، އެ ބަލީގައި މަރުވެފައި ވަނީ 2،100 މީހުންނެވެ. --ދަ ސްޓްރެއިޓްސް ޓައިމްސް