ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން ދެ ޑޯޒް ނުޖެހިތިބި ފަރާތްތަކަށް ވެކްސިން ދިނުން ހަމަޖެހިފައި ވަނީ އެޕޮއިންޓްމަންޓް ދީގެން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދު ފެށިގެން ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ނުޖެހި ތިބި ފަރާތްތަކަށް އެޕޮއިންޓްމަންޓް ދީގެން ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.
ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ދެމުންގެންދާނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން ކުރިން ޖެހި މީހުންނަށް އިސްކަންދީގެން ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އެގޮތުން ފެބްރުއަރީ މަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް މިއަދު ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭއިން ގުޅަމުންދާނެ ކަމުގައި އެ އެޖެންސީން ވަނީ ބުނެފަ އެވެ.
އެޕޮއިންޓްމަންޓް ލިބޭ ހުރިހާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ ސެންޓަރަށް ދިޔުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
ރާއްޖޭގައި ކޯވިޝީލްޑް ވެކްސިން ޖަހަން މިފަށަނީ ގާތްގަނޑަކަށް 2 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އެވެ.
ރާއްޖޭގައި ކޮވިޑް-19 އިން ދިފާއުވުމަށް އެންމެ ފުރަތަމަ ޖަހަން ފެށި ކޮވިޝީލްޑް ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ އާއި އެގައުމުގެ ބޭސް އުފައްދާ އެސްޓްރަޒެނެކާއިން ތަރައްގީކޮށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފެއްދި ވެކްސިނެކެވެ.
އެހެންނަމަވެސް، ރާއްޖޭގައި ކޮވިޝީލްޑުގެ ފުރަތަމަ ޑޯޒް ޖެހި އެންމެންނަށް ދެވަނަ ޑޯޒް ޖަހާ ވަރަށް ވެކްސިން ނުލިބުމުގެ ސަބަބުން ގިނަ ބަޔަކު ތިބީ ވެކްސިން ފުރިހަމަ ނުކުރެވި އެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.