ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ އާރުއައިއެކްސް (ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ތުހުމަތު ކުރެވޭ ހިއުމަން ޓްރެފިކިން މައްސަލައިގައި ދައުވާ ނުކުރެވި ލަސްވަނީ އިތުރު ހެކިތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

ރިޒް ކުންފުންޏާ ދެކޮޅަށް ފުލުހުން ހިންގި ތަހުގީގު ނިންމައި ދައުވާ އުފުލުމަށް ޕީޖީ އަށް ފޮނުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެ މައްސަލައިގައި ރިޒް ކުންފުނީގެ މައްޗަށް ދައުވާކުރުމާމެދު އަދިވެސް ގޮތެއް ނިންމާފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު "ސަން" ނޫހަށް މައުލޫމާތު ދެމުން ބުނީ، އެ މައްސަލަ ލަސްވަނީ އިތުރު ހެކިތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

މީގެ ކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އެ މައްސަލައިގައި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ހިމެނޭ ގޮތަށް، ތިން މީހަކަށް ދައުވާކޮށްދޭން އެދިފައިވާ ކަމަށެވެ.

މެމްބަރު ރިޒާގެ ކުންފުންޏަށް ހިޔުމަން ޓްރެފިކިންގެ ދައުވާކުރަނީ ބ. ބޮނޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދިޔަ ބިދޭސީން މުޒާހަރާކުރުމުންމެވެ. އެ ބިދޭސީންނަކީ ރިޒާ ކުންފުނީގެ މުވައްޒިފުންނެވެ. މުޒާހަރާކުރި ބިދޭސީން ވަނީ އެ ރަށުގައި ބޮޑު ހަމަނުޖެހުމެއް ހިންގައިފަ އެވެ.

ބޮޑުފިނޮޅުގެ ކޮންޓްރެކްޓު މަސައްކަތްތަކެއް ކުރާ އާރްއައިއެކްސް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދީގެން އެރަށުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ބޮޑު ހަމަނުޖެހުމެއް ހިންގައިފަ އެވެ.

އެ ހަމަނުޖެހުންތަކުގައި ބިދޭސީން ވަނީ ދިވެހިންތަކެއް ރަހީނުކޮށް، ރަށުގައި ހުރި ތަންތަނަށާއި، ހެވީ މެޝިނަރީތަކަށާއި، ވޯޓާ ޕައިޕްލައިން ތަކަށާއި، އެހެނިހެން ތަކެއްޗަށް ބޮޑެތި ގެއްލުންތައް ވަނީ ދީފައެވެ. އެ ހަމަނުޖެހުމުގައި ބައިވެރިވި 19 ބިދޭސީއަކު ހައްޔަރުކުރުމަށްފަހު ފަހުން ވަނީ ދޫކޮށްލައިފަ އެވެ. އަދި އެމީހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ މެމްބަރު ރިޒާ ވަނީ އެއްބަސްވެވަޑައިިގެންފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ، މުސާރަ ނުދެވި ވަނީ ޑިވެލޮޕަރު، ސީލް މޯލްޑިވްސް އާއެކު ވެފައިވާ އެއްބަސްވުމުގައި ބުނާގޮތަށް އެކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބިފައި ނުވާތީ ކަމަށެވެ.

ނަމަވެސް އެ ވާހަކަތައް ދޮގުކޮށް ސީލް މޯލްޑިވްސްގެ ގާނޫނީ ޓީމް، އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި ބުނީ ކޮންޓްރެކްޓަރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ ކޮންޓްރެކްޓަރުގެ ޒިންމާއެއް ކަމަށެވެ. އަދި ކޮންޓްރެކްޓްގެ ދަށުން 7,000 ރުފިޔާގެ ރޭޓުން ޑިވެލޮޕަރުގެ ފަރާތުން ކޮންޓްރެކްޓަރަށް ފައިސާ ދައްކަންޖެހޭނެކަމަށް އެއްބަސްވުމުގައި ބުނާއިރު، 21 މިލިއަނަށްވުރެ ގިނަ ރުފިޔާ ކޮންޓްރެކްޓަރަށް ޑިވެލޮޕަރުގެ ފަރާތުން ދީފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގެ ތެރެއިން އާރުއައިއެކްސްގެ މައްޗަށް، ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށި އެވެ.

އެ ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ހަވާލުވެ، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާކަމަށް އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރައާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރުވާފައިވާކަން އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ.