ދުނިޔޭގެ ދެވަނައަށް އެންމެ ދިގު މީހާ ކަމަށްވާ އުމުރުން 46 އަހަރުގެ ހުސައިން ބިސާދުއަށް އޭނާގެ ދިގު އިސްކޮޅުގެ ސަބަބުން ބޮޑު ސިއްހީ މައްސަލަތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މި ވަގުތު އުތުރު ލަންޑަންގެ ކެއާ ހޯމްއެއްގައި ދިރިއުޅެމުން އަންނަ ބިސާދުގެ ދެ ކިޑްނީ ފެއިލްވެ، ހަފްތާއަކު ތިންފަހަރު ޑަޔަލިސިސް ހަދަން ވަނީ ޖެހިފަ އެވެ. މި ބަލިން އަރައިގަތުމަށް އޭނާ ވަނީ 2020 ވަނަ އަހަރު ކިޑްނީ ޓަރާންސްޕްލާންޓެއް ވެސް ކޮށްފަ އެވެ.

ބިސާދުގެ ޑޮކްޓަރުން ބުނި ގޮތުގައި އޭނާގެ ކިޑްނީ ފެއިލްވީ އޭނާގެ ދިގު އިސްކޮޅުގެ ސަބަބުން ހަށިގަނޑުގައި ގްރޯތު ހޯމޯންސް މާ ގިނަވުމުގެ ސަބަބުން ކަމަށްވުން ގާތް ކަމަށެވެ.

އިސްކޮޅުގައި 7 ފޫޓު 5 އިންޗި ހުންނަ ބިސާދު ގިނަ މީހުންގެ ސަމާލު ކަމަށް އައީ 2002 ވަނަ އަހަރު އޭނާއަކީ ދުނިޔޭގައި ހުރި އެންމެ ދިގު މީހާ ކަމަށް ކުރި ދައުވާއާ ގުޅިގެންނެވެ. ނަމަވެސް ވޯލްޑް ރެކޯޑްސްއިން ބެލި ބެލުމުން ތުރުކީގެ ސުލްތާން ކޮސެންގެ އިސްކޮޅު ބިސާދު އަށްވުރެ ދިގުކަން އެނގުނެވެ. ސުލްތާންގެ އިސްކޮޅުގައި ހުންނަނީ 8 ފޫޓް 2 އިންޗި އެވެ.

ބިސާދު ބުނި ގޮތުގައި އިސްކޮޅުން ދިގުވުމަކީ އުނދަގޫ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ދިރިއުޅުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

ބިސާދުގެ އިސްކޮޅުގެ ސަބަބުން އޭނާގެ އަންނައުނާއި ބޫޓުން ފެށިގެން ނިދާ އެނދަށް ދަންދެން ޖެހެނީ އޭނާ އަށް ޙާއްސަ ކޮށްގެން ބޭރުން އޯޑަރު ކުރާށެވެ.