އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ޔާމީނަށް ދެރަގޮތެއް ވިޔަ ނުދޭނެ ކަމަށާއި، އަދި ޔާމީނަށް ދެރެއެއް ވެސް ލިބުން ނޭދޭ ކަމަށެވެ. އެއަށްފަހު ވިދާޅުވީ، ޔާމީނަށް 2023ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށެވެެ.
"ރައީސް ޔާމީނަށް ދެރައެއް ލިބުމަށް އަޅުގަނޑެއް ނޭދެން، ރައީސް ޔާމީނަށް ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެ،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
ދެން ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ލިބިދޭން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ޔާމީނަށް ވަނީ އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުން މަންފާ ހޯދިކަމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ޔާމީނު މިވަގުތު ހުންނެވީ ގޭ ބަންދުގަ އެވެ.
ޔާމީނަށް ދަށު ކޯޓުގައި އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއީދުކޮށްފަ އެވެ. މިހާރު އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. ޔާމީނަށް ތާއީދު ކުރައްވާ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރަނީ އެމަނިކުފާނަށް ހުކުމް ކުރީ އިންސާފުން ބޭރުން ކަމަށެވެ. އަދި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލުން ވަނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ފާސްކޮށްފަ އެވެ.
މިރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، 2023 ގައި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ޔޭދުނިއާ ޔޭ މެހެފިލް މެރެކާމްކި ނެހީ