މިހާރު ރާއްޖޭގައި ވެރިކަންކުރާ ވެރިކަމުގެ ނިޒާމު ކަމަށްވާ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރު ނެގުމަކީ ބޭނުންތެރިކަމެއް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެގޮތަށް ވިދާޅުވީ، މިރޭ ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ލަންޑަންގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވި އާއްމުންގެ ތެރެއިން މީހަކު ކުރި ސުވާލަކަށް ޖަވާދު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނީ އެމަނިކުފާނު ކަމަށާއި، އަދި ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ފުރޮޅާލުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމުން ހުރިހާ ގޮތަކުން ވެސް ރައްޔިތުންނަށް ފައިދާކުރާނެ ކަމަށެވެ. އެގޮތުން ތަރައްގީގެ ދުވެލި މިހާރަށްވުރެ ބާރު ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ހުރިހާ ގޮތަކުން ވެސް ގައުމަށް ފައިދާ ބޮޑީ ބަރުލަމާނީ ނިޒާމު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށް ކުރައްވާ މަސައްކަތް ކާމިޔާބުވާނެ ކަމަށެވެ. މީގެ އިތުރުން ރައީސް ސޯލިހު 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ނަމަ ތާއީދުކުރައްވާނެތޯ "ހުރިހާ" އިން ސުވާލުކުރުމުން ވަރަށް ކުރުކޮށް ނަޝީދު ވިދާޅުވީ "އާދެ" ކަމަށެވެ. އެ ސުވާލާ ގުޅިގެން އިތުރަށް ވާހަކައެއް ނުދެއްކެވި އެވެ.

"އާސްކް ސްޕީކާ" ޕްރޮގްރާމްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް 2023ގެ ރިޔާސީ އިންތިހާބުުގައި ވާދަކުރެވެންވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމަނިކުފާނު އެގޮތަށް ވިދާޅުވި ސީދާ ސަބަބެއް ސާފެެއް ނޫނެވެ.