ދެހާސް ދިހަ ވަނަ އަހަރު ފުލުސް ކާރެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި ޗީފް އިންސްޕެކްޓަރު ރިޝީފް ތޯހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 871،000 ރުފިޔާ ދޭން ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ރޭޕްކުރި ކަމުގެ ތުހުމަތުގައި ރިޝީފް ހައްޔަރުކުރީ އޮގަސްޓް 8، 2010ގަ އެވެ.

އެފަހަރު އޭނާ ބަންދުގައި ބަހައްޓާނެ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ދަށު ކޯޓުން އޭނާ ދޫކޮށްލި އެވެ. ނަމަވެސް އޭގެ ދުވަސް ތަކެއް ފަހުން ސެޕްޓެމްބަރު 14، 2010 ގައި ރޭޕް ކޭސްއާ ގުޅުވާފައި ފުލުހުން ވަނީ ރިޝީޕް ވަޒީފާ އިން ވަކިކޮށްފަ އެވެ.

ވަޒީފާއިން ވަކިކުރި ކުރުމުން ރިޝީފް ވަނީ، ވަޒީފާ އަނބުރާ ހޯދުމަށާއި، ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ހަމަޖައްސައިދިން ދުވަހާ ހަމައަށް ލިބެންވާ މުސާރަ އާއި އިނާޔާތްތައް ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

އެ މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން ހުކުމްކުރީ ރިޝީފްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކީ އޭނާ ވަޒީފާއިން ވަކިކުރެވޭ ވަރުގެ އެކަށީގެންވާ ތުހުމަތެއް ކަމުގައި ބެލެވޭ މިންވަރަށް މަދަނީ މިންގަނޑުން ހެކި ލިބިފައިވާ ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުން ވަނީ އޭނާ ވަޒީފާ އިން ވަކި ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް މައްސަލަ ނިންމާފަ އެވެ. އެކަމަކު އޭނާ ވަޒީފާ އިން ވަކިކުރުމުގެ ކުރިން ނުދީވާ ކަމަށް ބުނާ މުސާރަ ހޯދުމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން ބަލައި ދެވޭނެ ކަމަށްވެސް ހުކުމްގައިވެ އެވެ.

ރިޝީފް ވަނީ ސިވިލްކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ހައިކޯޓުން ވަނީ ސިވިލްކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ. އެގޮތުން ހައިކޯޓުގެ ހުކުމްގައި ވަނީ ރިޝީފް ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާފަ އެވެ. އެހެންވެ ރިޝީފް ފުލުހުންގެ ވަޒީފާ އިން ވަކިކުރުމާ ހަމައަށް އޭނާ ކުރިން ހުރި ގިންތީގެ ވަޒީފާއެއް ދިނުމަށާއި ވަޒީފާއިން ވަކިކޮށްފައި ހުރި ދުވަސްތަކުގެ މުސާރައާއި އިނާޔަތްތައް ދޭން ހުކުމް ކޮށްފައިވެ އެވެ.

ހައިކޯޓުގެ އެ ހުކުމް ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ނިންމުން ރަނގަޅުކަމަށް ކަނޑައަޅައިފަ އެވެ. އެހެންވެ ސިވިލްކޯޓުގެ ހުކުމާ އެއްގޮތަށް ޖޫން ޖޫން 11، 2014 ގައި ރިޝީފަށް ފުލުހުންގެ ވަޒީފާ ހަމަޖައްސައިދީފައިވެ އެވެ.

ނަމަވެސް ބ. ދަރަވަންދޫ އެއާޕޯޓުގައި އޭނާ ބިޔަރު ބުއި ކަމަށް ބުނެ ހުށަހެޅުނު މައްސަލަ އެއް ބެލުމަށް ފަހު ފުލުހުން މިހާރު ވަނީ ރިޝީފް ދެވަނަ ފަހަރަށް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފަ އެވެ.

ދަރަވަންދޫ އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި ބިޔަރު ދަޅެއް ހިފައިގެން އިންދާ ރިޝީފް ހައްޔަރުކުރީ 2014 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެ ދުވަހުން ފެށިގެން ވަޒީފާއިން ވަކިކުރުމާ ހަމައަށް އޭނާ ހުރީ ސަސްޕެންޝަނުގަ އެވެ. އަދި އެންމެ ފުރަތަމަ ވަޒީފާ އިން ވަކިކުރުމުން އަނބުރާ ވަޒީފާ ދޭން ކުރި ހުކުމާ އެއްގޮތަށް ފުލުހުން އަމަލުކޮށްފައި ނުވާ ކަމަށް ބުނެ އޭނާ އަށް އޭރު ވަޒީފާ ދޭން ކުރި ހުކުމް ތަންފީޒު ކުރަން ސިވިލް ކޯޓަށް ހުށަހެޅި އެވެ.

ކުރީގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލާގައި ސިވިލް ކޯޓުން އިއްވި ހުކުމްގައި ބުނެފައި ވަނީ ރިޝީފް ތޯހާ އަށް އޭރު ވަޒީފާ ދިނީ ޖޫން 11، 2014 ގައި ކަން ފުލުހުންގެ ލިޔުންތަކުން އެނގޭ ކަމަށެވެ. އެހެންކަމުން ރިޝީފް ތޯހާ އަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދޭން ޖެހޭނީ އޭނާ އެންމެ ފުރަތަމަ ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން އަނބުރާ ވަޒީފާ ދިން ކަން އެންގި ދުވަހުގެ ނިޔަލަށް ކަމަށެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފައިވާއިރު ސުޕްރީމް ކޯޓުން ވެސް ވަނީ ދަށު ކޯޓާއި ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. އެ މުއްދަތަށް ރިޝީފް ތޯހާ އަށް ލިބެން ޖެހެނީ 871،932ރ. ކަމަށްވެސް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.

ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ރިޝީފަށް ލިބެން ޖެހޭ ފައިސާ 30 ދުވަހުގެ ތެރޭގައި ދައުލަތުން އޭނާ އަށް ދިނުމަށްވެސް އަމުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވީ ފަނޑިޔާރު ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު މުހައްމަދު އިބްރާހިމް އެވެ. ފަނޑިޔާރު ޝުޖޫން ރިޔާސަތު ބެލެހެއްޓެވި މިމައްސަލަ ނިންމާފައިވަނީ ތިން ފަނޑިޔާރުން އިއްތިފާގުންނެވެ