ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމުގެ މަޝްވަރާއަށް ދަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުން ކަމަށް އިދިކޮޅު ޕާޓީ، ޕީޕީއެމުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން ރޭ ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ގަނީ، ރިޔާސީ އިންތިހާބު ބޭއްވުމުގެ ކުރިން 2023 ގައި ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއް ގެންނަނީ ޕީޕީއެމާ ގުޅިގެން ކަމަށާއި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކަމަށް ޔާމީން ވެސް ވިދާޅުވެފައިވާ ކަމަށް ނަޝީދު ވަނީ ރޭ ވިދާޅުވެފަ އެވެ.
އިދިކޮޅު ޕީޕީއެމްއަކީ ބަރުލަމާނީ ނިޒާމާ ބީރައްޓެހި ޕާޓީއެއް ނޫން ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ، ޔާމީން، ޕީއޭ ހިންގެވި ދުވަސްވަރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ވޯޓުގައި އެ މަނިކުފާނާއި އެ ޕާޓީ އޭރު ތާއީދު ކުރީ ބަރުލަމާނީ ނިޒާމަށެވެ. ދެން ބަރުލަމާނީ ނިޒާމަށް އޭރު ތާއީދުކުރީ އެމްޑީޕީ އެވެ.
ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން "މިހާރު"އަށް ދިން އިންޓަވިއެއްގައި ޝިޔާމް ވިދާޅުވީ، ނަޝީދު ދެއްވީ މަޝްވަރާގެ މޭޒަށް ދިއުމުގެ ދައުވަތެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްއަކީ އަބަދުވެސް ވާހަކަ ދައްކާނެ ޕާޓީއެއް ކަމަށާއި، ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ވެސް ޕީޕީއެމް ތައްޔާރު ކަމަށެވެ
ވެރިކަމުގެ ނިޒާމު ބަދަލުކުރުން ފަދަ ބޮޑެތި މައްސަލަތަކުގައި މަޝްވަރާ ކުރަން ޖެހޭނީ ޕާޓީތަކުގެ ލީޑަރުން ކަމަށާއި ޕީޕީއެމްގެ ފަރާތުން މަޝްވަރާ ކުރަން ޖެހޭނީ ސީދާ ޔާމީންއާ ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ. އަދި މަޝްވަރާގެ ކުރިން ޔާމީން މިނިވަންކުރަން ޖެހޭނެ ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ.
"މަޝްވަރާ އަށް އަބަދުވެސް ފުރުސަތު އޮންނާނެ. ފުރަތަމަ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ސިޔާސީ ހުކުމް ބާތިލް ކޮށް އެ މަނިކުފާނު މިނިވަންކުރޭ،" ޝިޔާމް ވިދާޅުވި އެވެ.
ގާނޫނުއަސާސީ އެކުލަވައިލުމުގެ ކުރިން ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭ ގޮތުން އޯގަސްޓް، 18، 2007 ގައި ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސަންޓް މީހުން ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކޮށްފަ އެވެ.