ނަފްތަރު އުފެއްދުމަކީ ކުށެއް ކަމަށް ކަނޑައަޅަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ކަންކަން އިތުރަށްވާނީ ގޯސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ 10 މެމްބަރަކު ވިދާޅުވެއްޖެ އެވެ.
ޖުޑިޝަރީ ކޮމިޓީން އިސްލާހުކޮށްފައިވާ ގޮތަށް އެ ބިލް ފާސްކުރުމާ ދެކޮޅަށް 10 މެމްބަރަކު މިރޭ ވަނީ ބަޔާނެއް ނެރެފަ އެވެ. އެއީ
ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
ވިލިނިގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް
ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް
ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު
އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު
އެ މެމްބަރުން ވިދާޅުވީ ނަފްރަތުގެ އަމަލުތަކަކީ ހުއްޓުވަންޖެހޭ ކަންތައްތަކެއް ކަމަށް އެބޭފުޅުން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ ބިލް ހުށަހަޅާފައިވާ ގޮތް ވެސް އަދި ޖުޑިޝަރީ ކޮމިޓީން މިހާރު އިސްލާހު ކޮށްފައިވާ ގޮތަށް ބަލާއިރު ވެސް އެ ބިލް ހުށަހެޅި މަގުސަދު ހާސިލުނުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
މިހާރު ހުށަހަޅާފައިވާ ގޮތަށް އެ ބިލް ފާސް ކުރުމަކީ ރައްޔިތުންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ގެއްލި ގައުމު އިތުރު ހަމަނުޖެހުންތަކެއްގެ ތެރެއަށް ދިއުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ގަބޫލު ކުރެވޭތީ މިހާރު ހުށަހަޅާފައިވާ ގޮތަށް ބިލް ފާސް ކުރުމަށް ތާއީދު ނުކުރާ ކަމަށް ވެސް އެ މެމްބަރުން ނެރުއްވި ބަޔާނުގައިވެ އެވެ.
އެ ބިލް ކޮމިޓީން ފާސްކޮށްފައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި ހިއުމަންރައިޓްސް ކޮމިޝަނުން ހުށަހެޅި ގިނަ އިސްލާހުތަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.