ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީ އަށް ފަހު އާންމުކުރި ރިޕޯޓްގައި ހުރި ސިއްރު މައުލޫމާތުތައް ހާމަވެއްޖެ އެވެ.

މަޖިލީހުން އިއްޔެ ނެރުނު އިންކުއަރީ ރިޕޯޓް މަޖިލީހުން އާންމުކޮށްފައިވާއިރު، އެ ރިޕޯޓްގައި ހިމެނޭ ގައުމީ ސަލާމަތާ ބެހޭ ބައި ވަނީ ސިއްރުކޮށްފަ އެވެ. އެހެން ނަމަވެސް ރިޕޯޓްގައި ސިއްރު ކޮށްފައިވާ ބައިގައި ކުލަ ޖައްސައި ފޮރުވާފައި ހުރި ނަމަވެސް އެ މައުލޫމާތުތައް މިހާރު ވަނީ ލީކުވެފަ އެވެ.

މަޖިލީހުން އެންމެ ފުރަތަމަ ރިޕޯޓް އާންމުކޮށްފައިވާއިރު ރިޕޯޓްގެ ޕީޑީއެފްއެއް ޑައުންލޯޑް ކުރެވޭނެ ގޮތަށް ހަމަޖައްސާފަ އެވެ.

މިކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެގެން ހިގައިދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފަ އެވެ.

ސިއްރުކޮށްފައި ހުރި މައުލޫމާތުގައި ނަޝީދަށް ސެކިއުރިޓީ ދިނުމާ ގުޅުން ހުރި އެތައް މައުލޫމާތަކާއި ހައި ސެކިއުރިޓީ މީހުންނަށް ސެކިއުރިޓީ ދިނުމާއި ޖާސޫސީ މައުލޫމާތު އެއްކުރުމާއި އެ މައުލޫމާތު ބޭނުންކުރާ ގޮތް ފަދަ އެތައް މައުލޫމާތެއް ހިމެނެ އެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސް ސާވިސް މަސައްކަތް ކުރާގޮތާއި، ދިވެހި ސިފައިންގެ ޑިފެންސް އިންޓެލިޖެންސް ސާވިސް މަސައްކަތްކުރާ ގޮތުގެ ތަފްސީލީ މައުލޫމާތު ވެސް ލީކްކޮށްލާފައިވާ މައުލޫމާތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މަޖިލީހުގެ 241 ކޮމެޓީގެ ރިޕޯޓްގައި ސިއްރުކޮށްފައި ހުރި މައުލޫމާތުތަކެއް އާންމުވި މައްސަލާގައި އެ ކޮމެޓީން އަދި މަޖިލީހުގެ އިދާރާއިން ވެސް ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް މިފަދަ މުހިންމު ކަމެއްގައި މަޖިލީހުން ރިޕޯޓެއް އާންމުކުރުމުގައި އެކަށީގެންވާ ވަރަށް ނުވިސްނާ އަދި އެންމެ ރައްކާތެރި ގޮތް ކަށަވަރު ނުކޮށް ރިޕޯޓް އާންމުކޮށްފައިވާ ކަމަށް ބުނެ ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.