ކަދުރަކީ އަހަރެމެންގެ އިސްލާމް ދީނުގައި ވަރަށް މާތް މޭވާއެއްގެ ގޮތުގައި އަންގަވާފައިވާ އެއްޗެކެވެ. ޚާއްސަކޮށް ރަމަޟާން މަހު އަހަރެމެންގެ ސުފުރާމަތިން ފެންނަ މި ބާވަތަކީ އޭގެ ސިއްހީ އެތައް ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ.

ގުދުރަތީ ހަކުރުގެ ވަސީލަތެއް

ކަދުރަކީ ސީދާ އޭގެ ރުކުން ކަނޑައިގެން ކާނަމަ ގުދުރަތީ ހަކުރު ލިއްބައިދޭ ވަސީލަތެކެވެ. އެހެންކަމުން އިތުރު ހަކުރު އެއްކުރުމުގެ ބޭނުން ކެނޑެ އެވެ. އެހެންކަމުން ކައްކާއިރު ހަކުރުގެ ބަދަލުގައި ކަދުރުކޮޅެއް ބޭނުން ކުރުމަކީ އެ ކެއުމުގައި ގުދުރަތީ ފޮނި ރަހަ އެކުލެވޭނެ ކަމެކެވެ.

ހިތުގެ ބަލިތަކާއި ހަކުރު ބަލީގެ ރައްކަލެއް

ކަދުރާ ބެހޭގޮތުން ހެދުނު ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު މަދުވެގެން ތިން ކަދުރު ކާމީހުން ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ކުޑަވެ އެވެ. މީގެ އިތުރުން ކަދުރަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރާއި ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެދޭ އެއްޗެކެވެ.

މާބަނޑުވުމާއި ވިހެއުމަށް ލުޔެއް

މާބަނޑު މީހުން ކަދުރު ކެއުމަކީ މާބަނޑު ދުވަސްވަރު ކުރިމަތިވާ ސިއްހީ އުނދަގޫތަކާއި ގުދުރަތީގޮތުން ވިހެއުމުގައި އަޅާވޭން ލުއިކޮށްދޭ ކަމެއްކަމުގައި ދިރާސާތަކުން ދައްކަ އެވެ. އެގޮތުން ކަދުރު ކެއުމަކީ ވިހެއުމުގެ ތެރޭގައި ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމެއް ކަމަށާއި ނިފާސްކަމުގެ ދުވަސްވަރު ކުރިމަތިވާ އުނދަގޫތަކަށް ވެސް ފަރުވާއެކެވެ.

ކަދުރަކީ ތަފާތު އެކި ފައިދާތައް ލިބޭ މޭވާއަކަށް ވީއިރު އަދި އިސްލާމް ދީނުގައި އެއީ މާތްވެގެންވާ ސުންނަތަކަށް ވާއިރު ކަދުރުގެ ފައިދާތައް ލިބިގަތުމަށްޓަކައި ދުވާލަކު މަދުވެގެން ތިން ކަދުރު ކެއުމަށް އާދަ ކުރަމާ ހެއްޔެވެ.