މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ޚިޔާނާތާ ގުޅޭ ތަހުގީގަކަށް ރައީސް އަބްދުﷲ ޔާމީން މިއަދު މެންދުރު ފަހު 2.00 އަށް ފުލުހަށް ހާޒިރުކުރަން ނިންމައިފި އެވެ.

އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި އިސްކޮށް މަސައްކަތްކުރައްވާ ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީން މެންދުރު ފަހު ފުލުހަށް ހާޒިރުކުރަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުން މީހުންގެ ސަމާލުކަން ބަދަލުކުރުމުގެ ބޭނުމުގައި ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަނީ ސަރުކާރުން މިހާރު ހިންގާ އެސެޓް ރިކަވަރީ ކޮމިޝަނަށް އަދި އެ ނޫން ވެސް ތަހުގީގީ އިދާރާތަކަށް އެ މައްސަލާގައި ކޮޅެއްމެދެއް ނުފެނި އެއްވެސް ކާމިޔާބެއް ނުލިބުމާ ގުޅިގެން ކަމަށެވެ. އަދި ރައީސް ޔާމީނުގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން ދައުވާތަކެއް އުފުލާފައިވާއިރު، އެއިން އެއް މައްސަލާގައި ކުރިމިނަލް ކޯޓުންނާއި ހައިކޯޓުން އިއްވާފައިވާ ހުކުމް އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.

މިހާތަނަށް އެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައެއް ނުވެ އެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މުގުލުގައި ހުންނެވި ކަމަށް އަމިއްލައަށް އިއުތިރާފުވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔާތު ވަނީ ދައުލަތާއެކު ހެދި ޑީލެއްގެ ދަށުން ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދީފަ އެވެ. އަދި އެ ދެ ބޭފުޅުންގެ މައްޗަށް ޖަލު ހުކުމްތަކެއް އިއްވާފައިވީ ނަމަވެސް މިހާރު ވެސް ދެ ބޭފުޅުން ތިއްބެވީ ގޭ ބަންދުގަ އެވެ.