ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވައިފި އެވެ.

ނާޒިމް މިއަދު ވަނީ އެކަން މީޑިއާ އަށް ކަށަވަރުކޮށްދެއްވާފަ އެވެ.

އޭނާ ވިދާޅުވީ ޕާޓީ އުފެއްދުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް ރަސްމީކޮށް އެކަން އިއުލާން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އަލަށް އުފައްދާ ޕާޓީން 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. އެ ކެންޑިޑޭޓް ވެގެންދާނީ ރައްޔިތުންގެ ތާއީދު އޮތް ކެންޑިޑޭޓަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި އިތުރު މެމްބަރުންތަކެއް އެ ޕާޓީއަށް ސޮއިކުރައްވަން ވަނީ ނިންމަވާފަ އެވެ.

ދާދިފަހުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވަނީ ޖުމްހޫރީ ޕާޓީގެ ތެރެއިން އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. ކާނަލް ނާޒިމް މަޖިލިސް މެމްބަރުކަމުގެ ގޮނޑި ކާމިޔާބު ކުރެއްވި އެ ޕާޓީގެ ޓިކެޓުގައި ވާދަކޮށްގެނެވެ.