އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތިހާބު މި އަހަރު ނުބާއްވަނީ މިހާރު އޮތް ލީޑަޝިޕްގެ ދައުރު އިތުރުކޮށްފައިވާތީ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތީން މިހާރު އޮތް ލީޑަޝިޕްގެ މުއްދަތު ހަމަވާނީ ޖެނުއަރީ، 2، 2022 ގައި ކަމަށް މިއަދު އެމްޑީޕީން ވަނީ ބުނެފަ އެވެ. އެކަން މިއަދު އިއުލާންކުރީ، ޕީޖީ އިންތިހާބު ނުބާއްވާ ސަބަބު ސާފުކުރަން އާއްމު މެމްބަރުންތަކެއް އެދޭތީ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

މީގެ ކުރިން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ދައުރަކީ އެއް އަހަރެވެ. އެ ގަވާއިދުގެ ދަށުން އެ ޕާޓިން މީގެ ކުރިން ވަނީ އިންތިހާބު ބާއްވައިފަ އެވެ. އެ އުސޫލުގެ ދަށުން އެންމެ ފަހުން އިންތިހާބު ބޭއްވީ 2019 ގަ އެވެ. އެ ފަހަރު ލީޑަރަކަށް ހޮއްވެވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އޭގެ ކުރިން އެ މަގާމު ފުރުއްވީ އައްޑޫ ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

ކުރީގެ އުސޫލަށް ބަދަލު ގެނައީ ގެނައީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމަކަށް ދައުރު އިތުރުކުރަން ހުށަހަޅައި މަދު މެމްބަރުންތަކަކާ އެކު ފާސްކޮށް، ގަވާއިދުގައި ވަނީ އެކަން ހިމަނައިފަ އެވެ. ނަމަވެސް އެކަން އެމްޑީޕީއިން އިދާރީ ގޮތެއްގައި އާއްމު ނުކުރައްވަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި 65 މެމްބަރުން ތިއްބަވަ އެވެ.

ޕީޖީ ލީޑަރަކަށް މިހާރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުންނެވިއިރު ޑެޕިއުޓީ ލީޑަރުންނަކީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސެއިން ޝަހީމެވެ. ޗީފް ވިޕަކީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. ސެކްރެޓަރީ ޖެނެރަލް އަކީ މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލަކީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ އެވެ. ދެން ތިއްބަވަނީ ހަ ވިޕުންނެވެ