ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރުު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލަ ހައި ކޯޓުން ބޭރުކޮށްލުމުން، އެމައްސަލައިގައި ސުޕްރީމް ކޯޓަށް ދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.
އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމި ނިންމުން ޕީޖީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
ހައި ކޯޓުން އެ މައްސަލަ ބޭރުކުރީ އިޖުރާއީ އަޑުއެހުމެއް ބޭއްވުމަށް ފަހު އެވެ. އިޖުރާއީ އަޑު އެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުން އޮޅުންފިލުވީ އެއީ އެ ކޯޓުގައި ކުރިއަށް ގެންދެވިދާނެ މައްސަލައެއްތޯ އެވެ. އިޖުރާއީ އަޑު އެހުމަށްފަހު ހައި ކޯޓުން ނިންމީ އަލީ ވަހީދުގެ މައްސަލަ އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިޔަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް މިހިނދުގައި ނެތް ކަމަށާއި އެހެންވެ ދައުވާ ފޯމް ބާތިލްކުރާ ކަމަށެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލަ ހައިކޯޓުން ބޭރުކޮށްލުމުން، އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ޕީޖީއިން މިހާރު ނިންމާފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރީ މިޔަ އަހަރުގެ މެދު ތެރޭގަ އެވެ.
އަލީ ވަހީދުގެ މައްސަލަ ތަހުގީގު ކުރެއްވުމަށްފަހު ކްރިމިނަލް ކޯޓަށް ފޮނުވުމުން އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ. ޕާސްޕޯޓް ހިފަހައްޓަން އަމުރުކޮށްފައި ވަނިކޮށް އެ އަމުރު ބާތިލްކުރީ އަލީ ވަހީދު ބޭސް ފަރުުވާއަށް ރާއްޖެއިން ބޭރަށް ދާން ޖެހޭކަމަށް ބުނެ ކްރިމިނަލް ކޯޓަށް ހެކި ހުށަހެޅުމުންނެވެ.
ހެކީގެ ގޮތުގައި އަލީ ވަހީދު ހުށަހެޅުއްވީ އައިޖީއެމްއެޗުގެ ކަށީގެ ޑޮކްޓަރު ޔޫސުފް ޝާން އެވެ. ޝަރީއަތުގައި ހެކިބަސް ދެމުން ޑރ. ޝާން ވިދާޅުވެފައި ވަނީ އަލީ ވަހީދުގެ އޮޕަރޭޝަން ރާއްޖެއިން ކުރުން ނުރައްކާ ކަމަށެވެ. ބޭސް ފަރުވާގެ ކަންތައް ފުރިހަމަ ކުރުމަށް އަލީ ވަހީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.
އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ ހުންނަވައިގެން ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި އަލީ ވަހީދަށް ބައިވެރިވެވޭނެ އިންތިޒާމް އެ ކޯޓުން ހަމަޖައްސައިދީފައި ވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ބުނެ ލިޔުން ހުށަހެޅުމާ ގުޅިގެންނެވެ.
އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލައިގައި ޕީޖީއިން ބުނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ގޮތަކަށް ޝަރީއަތް ކުރިއަށްދާ އިރު، ދައުވާ ލިބޭ ފަރާތުން ކޯޓުގެ ހުރުމަށް ކެނޑޭ ފަދަ އަމަލެއް ކުރި ނަމަވެސް ފިޔަވަޅު ނޭޅޭނެކަން ޕީޖީއިން ވަނީ ފާހަގަކޮށްފަ އެވެ.