ދުނިޔޭގެ މަޝްހޫރު ބިލިއަނަރެއް ކަމަށްވާ އިނގިރޭސިވިލާތުގެ ސާ ރިޗާޑް ބްރޭޭންސަން އޭނާގެ އަމިއްލަ އުޅަނދެއްގައި ޖައްވަށް އިއްޔެ ދަތުރު ކޮށްފި އެވެ. އެއާއެކު ސްޕޭސް ޓޫރިޒަމް ތަރައްގީކުރުމަށް އިސްވެ އުޅުނު މީހުންގެ ތެރެއިން ޖައްވަށް ދަތުރުކުރި ފުރުތަމަ މީހަކަށް އޭނާ ވެގެން ދިޔައީ އެވެ.
ރިޗާޑް ޖައްވަށް ދަތުރުކުރީ ވާޖިން ގެލެކްޓިކްގެ ޔުނިޓީ ނަމަކަށް ކިޔާ ރޮކެޓް މަތިންދާ ބޯޓެއްގަ އެވެ. މި އުޅަނދު ތައްޔާރުކުރުމަށް އެކުންފުނިން 17 އަހަރު މަސައްކަތް ކުރި އެވެ.
ރިޗާޑް ދަތުރުކުރި ރޮކެޓް ބިމުގެ ސަތަހައިން ބޭރުގައި 85 ކިލޯމީޓަރަށް ދަތުރުކޮށްފައިވެ އެވެ. ވާޖިން ގެލެކްޓިކްއިން ބުނީ ރިޗާޑް ދަތުރުކުރި އުޅަނދު ރައްކާތެރިކަމާއެކު ޖައްވަށް ދަތުރުކޮށްފައިވާ ކަމަށެވެ. މި ދަތުރުގައި ރިޗާޑްއާއި ޔުނިޓީގެ ދެ ޕައިލެޓުންގެ އިތުރުން ވާޖިން ގެލެކްޓިކްގެ ތިން މުވައްޒަފަކު ވެސް ބައިވެރިވި އެވެ.
މި ދަތުރާ ބެހޭގޮތުން ރިޗާޑް ބުނީ އެއީ އޭނާ އެންމެ ކުޑައިރު ވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި ޖައްވުން ދުނިޔެ ފެނުމަކީ އުމުރު ދުވަހުގެ ތަޖުރިބާއެއް ކަމަށެވެ.
ރިޗާޑްއާއި އިތުރު ފަރާތްތަކެއް ސްޕޭސް ޓޫރިޒަމް ތަރައްގީކުރުމަށް މަސައްކަތް ކުރާއިރު އަންނަ އަހަރު އާއްމުންނަށް ހޮޅުވާލައިގެން ވާޖިން ގެލެކްޓިކުން ބާއްވާ ފުރަތަމަ އާއްމު ސްޕޭސް ޕްލައިޓްގައި ބައިވެރިވުމަށް މިހާތަނަށް 600 އަށްވުރެ ގިނަ މީހުން ޑިޕޮޒިޓް ފައިސާއަށްވާ 180،000 ޕައުންޑް ދައްކާފައިވެ އެވެ.
ރިޗާޑްގެ އިތުރުން އެކަމުގައި އިސްވެ ހަރަކާތްތެރިވެ އުުޅުނީ ޓެސްލާގެ އެލަން މަސްކް އާއި އެމޭޒަންގެ ޖެފް ބެޒޯސް އެވެ. މީގެ ތެރެއިން ބެޒޯސް އޭނާގެ ކުންފުނިން ތައްޔާރު ކުރި އުޅަނދުގައި މިމަހުގެ ފަހުކޮޅު ޖައްވަށް ދާނެ އެވެ.
ވާޖިން ގެލެކްޓިކްގެ ސްޕޭސް ޕްރޮގްރާމް އެންމެ ފުރަތަމަ އިއުލާން ކުރީ 2004ގަ އެވެ. ނަމަވެސް ދިމާވި ގޮންޖެހުންތަކަކާ ހެދި އެ ޕްރޮގްރާމް ލަސްވީ އެވެ.