ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ވެސް ރަށްރަށުގައި އީދު ކުޅިވަރުތައް ބޭއްވުން ވަނީ މަނާކޮށްފައި. އީދު ކުޅިވަރުތައް ބޭއްވުން މިފަހަރު މަނާކުރިއިރު އަތޮޅު ތެރޭގެ ގިނަ ރަށްތަކެއްގައި ކޮވިޑް ވަނީ ފެތުރިފައި. ނަމަވެސް މިހާރު ގިނަ ރަށްރަށުގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށްފައިވޭ.

ކޮވިޑުގެ ހާލަތު ރަނގަޅުވެފައި ވާތީ ދީފައިވާ ލުއިތަކައެކު ވެސް، އީދުގެ ބަންދުގައި ކުރިއަށް ގެންދާ ހަރަކާތްތައް ގިނަ މީހުން އެއްވެގެން ނުބޭއްވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފި އެވެ.

އެޗްޕީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް ފެތުރުމުގެ ހާލަތު ރަގަޅުވަމުން ދިއުމާގުޅިގެން ލުއިތައް ދެވިފައިވާ މި ދަނޑިވަޅުގައި އާންމު ދިރިއުޅުމުގައާއި އެކި އެކި ހިދުމަތްތައް ހޯދުމާއި ފޯރުކޮށްދިނުމުގައާއި ދަތުރު ފަތުރުކުރުމުގައި ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޗުއްޓީ ހޭދަކުރެއްވުމަށް ތަންތަނަށް ދަތުރުކުރެއްވުމުގައާއި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފަ އެވެ.

އެޗްޕީއޭ އިން ވަނީ ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކް އަޅައި، މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށް އެދިފަ އެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު، ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭގޮތަށް މާސްކް އެޅުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

"ގިނަމީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ނުބޭއްވުން. އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ހަރަކާތްތައް އިހުތިޔާރުކުރުން އަދި އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ހަރަކާތްތައް ނުބޭއްވުން،" .
އެޗްޕީއޭ

ކެފޭ ރެސްޓޯރަންޓްތަކާއި، ފިހާރަތަކާއި، ޕާކްތަކާއި، މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު ކަނޑައެޅިފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރުން އެޗްޕީއޭއިން ވަނީ އެދިފަ އެވެ. މީގެ އިތުރުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިންގެ ލަފާ ހޯދުމާއި ފްލޫ ކްލިނިކަށް ދައްކާ ޓެސްޓުކުރުމަށާއި އަދި ޓެސްޓުކުރުމަށް ސާމްޕަލް ނެގުމަށްފަހު، ނަތީޖާ ލިބެންދެން ގޭގައި މަޑުކުރަން ވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.

އެޗްޕީއޭއިން ވަނީ ކަރަންޓީނުގައި ތިބެންޖެހޭ ފަރާތްތަކުން ކަރަންޓީނު އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުން އެދިފަ އެވެ. އަދި ބަލީގެ އިތުރު ރާޅެއް އައުމުން ދުރުހެލިވުމަށްޓަކައި އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ވެސް ނަސޭހަތްތެރިވެފައިވެ އެވެ.

އެޗްޕީއޭއިން މިފަދަ އިލްތިމާސްތަކެއްކޮށްފައި ވަނީ އެ ބައްޔަށް ފައްސިވާ އަދަދުތައް ދަށްވުމާއި ގުޅިގެން ވެކްސިން ފުރިހަމަކުރި މީހުންނަށް ލުއިތައް ދީފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ ވެސް ދީފައިވާ ދަނޑިވަޅެއްގަ އެވެ.

މިއާއެކު އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ރަށްތަކަށްދާއިރު ބައެއް ރަށްރަށުގައި ކުލަ ގަދަކޮށް އީދު ފާހަގަކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.