އިތުރު 170 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 19 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 78 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން ހަތް މީހަކާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ ކ. ރަށްފަޅު ހުރާ އިން 60 މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން ފަސް މީހަކާއި ސަފާރީއަކުން އެކަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 75،332 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،537 ގައި މިހާރު ހުރިއިރު 72،569 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 17 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 214 މީހަކު ވަނީ މަރުވެފަ އެވެ.

މާލެއިން ޕޮޒިޓިވްވި އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ފާއިތުވި ހަ މަހުގެ ތެރޭގައި ވެސް މިވަރަށް ދަށްވެފައެއް ނުވެ އެވެ.