ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް ސަރުކާރުން އުފެއްދި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ އޮފީސް ފަޅާލައިފި އެވެ.

ފުލުހުން ބުނީ އޯކިޑުމަގު މ. ކަނީރުވިލާގެ ދެވަނަ ފަންގިފިލާގައި ހުންނަ އެސްޑީއެފްސީގެ ލޯނު އޮފީސް ފަޅާލާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެމައްސަލަ ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 8:56 ގަ އެވެ. މިމައްސަލާގައި ބަލަންޖެހޭ އިތުރުކަންތައްތައް ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

އެސްޑީއެފްސީ އަކީ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސައިދިނުމަށް އުފެއްދި ކުންފުންޏެކެވެ.

ފަހަކަށް އައިސް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އޮފީސްތައް ފަޅާލައި ވައްކަން ކުރާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. މިގޮތުން ފާއިތުވި މަސްތަކުގައި ރޯޑުކޯޕަރޭޝަންގެ އޮފީސްވެސް ވަނީ ދެފަހަރަކަށް ފަޅާލާފަ އެވެ.

އަދި ބައެއް ރަށްރަށުގައި ހުންނަ މިފްކޯ ފިހާރަތައްވެސް ވަނީ ފަޅާލާފަ އެވެ.