މާލެއިން ގޯއްޗެއް ބައްލަވައިގަތީ ލޯނެއް ނަންގަވައިގެންކަމަށް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެ އެވެ.

އައްނަބީލާ ހަބީބާ ހުސައިން ހަބީބުގެ ގެ ކަމަށްވާ ގ. ވައިލެޓު އަބީރު 8.4 މިލިއަން ރުފިޔާއަށް އަމްރު ބައްލަވައިގަތުމުން އޭނާއާ ގުޅޭގޮތުން އެކި ގޮތްގޮތަށް ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކަމުންދެ އެވެ.

އެ ގޯތި ބައްލައިވައިގަތުމުން އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދީ، ކަމުގެ ހަގީގަތް ސާފުކޮށްދިނުމުގެ ކުރެއްވި ޓްވީޓެއްގައި އަމްރު ވިދާޅުވީ 2017 ވަނަ އަހަރު އޭނާ ކުއްޔަށް ނަންގަވައިގެން ތިން ބުރީގެ އިމާރާތެއް ހަދައި، ރެސްޓޯރަންޓެއް ހިންގަން ތައްޔާރުވިއިރު, އެ ގޯތީގެ ވެރި ފަރާތުން ގޯތި ވިއްކައިލުމަށް ބޭނުންވި ކަމަށެވެ.

އަމްރު ވިދާޅުވީ އެ ގޯތި އެހެންމީހަކު ގަނެފިނަމަ އޭނާ އެ ތަން ހަދަން ކުރި އިންވެސްޓްމެންޓް ގެއްލިދާނެތީ އެ ގޯތި ގަތުމަށް ‏2017 ވަނަ އަހަރު އަމިއްލަ ފައިސާ އިން ގަނެފައިވާ ކަމަށެވެ. އަދި އެ ބައްލަވައިގަތުމަށް އިންވެސްޓްކޮށްފައި ހުރި ފައިސާއަކީ ވެސް، އޭނާ މަސައްކަތް ކޮށްގެން ހޯދައިފައިވާ ހަލާލު ފައިސާކަން ޔަގީންކުރުމަށްފަހު މިދިޔަ އަހަރު ލޯނު އެޕްރޫވްވި ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.

ޑޮމެއިންޖެހި އަގުބޮޑު ކާރެއް ދުއްވާއިރު، އަގުބޮޑު އަތުކުރީ ގަޑިއެއް އޭނާ ގެންގުޅުއްވާކަމަށް ކުރެވޭ ތުހުމަތުތަކަށް ވެސް އަމްރު ވަނީ ރައްދު ދެއްވާފަ އެވެ.

އޭނާ ވިދާޅުވީ އެ ބުނާ ކާރަކީ އެސްޓީއޯގެ ކާރެއް ކަމަށެވެ. އަދި ގަޑިއަކީ މި ސަރުކާރު އައުމުގެ ކުރިންވެސް އޭނާ އަޅާ ގަޑިއެއް ކަމަށް ވިދާޅުވި އެވެ.

އެކަމާ ބެހޭ މައުލޫމާތު އޮޅުންނުފިލުވައި މީހުންގެ އަގުވައްޓާލަން ލިޔުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އަމްރު ވިދާޅުވިއެވެ. އެފަދަ ވާހަކަތައް ލިޔާއިރު، ގުޅައިގެން މައުލޫމާތު ސާފުކުރުމަކީ ނޫސްވެރިކަމުގެ އެއް އަސާސް ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.