ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެއްޓުމުގެ އަމުރެއް ނެރެނުދިން މައްސަލަ މުރާޖައާކޮށްދިނުމަށް އެދި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. ހައިކޯޓަށް ހުށަހަޅާ މައްސަލައެއް ބަލައިނުގަންނަން ރަޖިސްޓްރާ ނިންމައިފިނަމަ ދެން ހުށަހަޅަންޖެހޭނީ ފަނޑިޔާރުންގެ މަޖިލީހަށެވެ. ފަނޑިޔާރުންގެ މަޖިލީހުން އެ މައްސަލައެއް ބަލައިގަންނަން ނިންމައިފިނަމަ، އެ މައްސަލަ ރަޖިސްޓްރީކޮށްދިނުމަށް ރަޖިސްޓްރާއަށް ލާޒިމްވާނެ އެވެ.

ފުލުހުން މެދުވެރިކޮށް ދައުލަތުން އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމާ ގުޅިގެން ޝަމީމު ވިދާޅުވީ، ކްރިމިނަލް ކޯޓުން މިއަދު ޕާސްޕޯޓުގެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމަމުން އަލީގެ ޕާސްޕޯޓް ހިފަހައްޓާނެ މަގުސަދެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ ގާޒީ ހަސަން ސައީދު ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަދި އަލީއަކީ ފިލައިގެން އުޅޭ މީހެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"މި މައްސަލަ އަޅުގަނޑުމެން ހައިކޯޓުގައި އެޕީލް ކުރާނަން. އަޅުގަނޑު މި ދަންނަވަނީ މީނައަކީ ފިލައިގެން އުޅޭ މީހެކޭ. ހައިކޯޓަށް ވެސް ނުފެނިފައި ހުރި މީހެކޭ. ކްރިމިނަލް ކޯޓަށް ނުފެނިފައި ހުރި މީހެކޭ އަދި ސުޕްރީމް ކޯޓަށް ވެސް ނުފެނި އުޅުނު މީހެއް ކަމަށް ލިޔެކިޔުންތަކުން ފެންނަން އެބަ އޮތޭ،" ޝަމީމް ވިދާޅުވި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންްޖެހޭ ކަމަށް ވިދާޅުވެ ހެކިހުށަހެޅުމުން އެ އަމުރު ވަނީ ބާތިލްކޮށްފަ އެވެ. އަލީގެ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލުކުރުމާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންފައި ވަނީ ފެބްރުއަރީ ނުވަވަނަ ދުވަހު އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ކޯޓުން ވަނީ އޭނާ އުޅޭ އެޑްރެސް ހޯދުމަށް ދައުލަތަށް މުއްދަތެއް ދީފަ އެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ދައުލަތަށް އޭނާ އުޅޭ އެޑްރެސް ހޯދިފައި ނުވުމުން ހައިކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައިފަ އެވެ. އިމިގްރޭޝަނުން އޭރު ބުނެފައި ވަނީ އަލީ ފުރައިގެން ދިޔައީ ތުރުކީއަށް ކަމަށެވެ.