ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރެއެއް ކަމަށްވާ ޓީ ސީރީޒްގެ މެނޭޖިން ޑިރެކްޓަރު ބުޝަން ކުމާރްގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފި އެވެ. ބޫޝަންގެ މައްޗަށް މި ތުހުމަތު ކޮށްފައި ވަނީ އޭނާގެ ކުންފުނީން ވަޒީފާއެއް ދޭނެ ކަމަށް ބުނެ 30 އަހަރުގެ އަންހެނެއް ރޭޕްކުރުމާ ގުޅިގެން ކަމަށްވެ އެވެ.
ނަމަވެސް މިހާތަނަށް މި މައްސަލަ އާ ގުޅިގެން ބުޝަން ހައްޔަރުކޮށްފައެއް ނުވެ އެވެ. މި މައްސަލައާ ގުޅިގެން ބުޝަން ކުމާރްގެ ޓީމުން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ .
މި ބަޔާނުގައިވާ ގޮތުގައި ބުޝަން ކުމާރްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނުވާ ދޮގު ތުހުމަތުތަކެކެވެ. އެގޮތުން އެ އަންހެން މީހާއަށް ވަނީ ޓީ ސީރީޒްގެ ދަށުން މިއުޒިކް ވީޑިއޯ އަދި ފިލްމެއްގައި ވެސް މަސައްކަތްކުރުމުގެ ފުރުސަތު ދެވިފަ އެވެ.
ނަމަވެސް މި އަހަރުގެ މާޗް މަހު އެ އަންހެން މީހާ އޭނާ ޕްރޮޑިއުސްކުރަން ބޭނުންވާ ވެބް ސީރީޒްއަކާ ގުޅިގެން ބޫޝަންގެ ގާތަށް އެހީއަށް އެދި އައިކަމަށާއި ނަމަވެސް ބޫޝަން ވަނީ އެކަމަށް އެހީތެރިވެވެން ނެތްކަން ވަރަށް ސާފު ގޮތެއްގައި ހާމަކޮށްދީފަ އެވެ.
އޭގެ ފަހުން މިދިޔަ ޖޫން މަހު މަހަރާޝްތްރާގެ ލޮކްޑައުން އުވާލެވުނު ފަހުން ވެސް އޭނާ ވަނީ ބާރުގެ ބޭނުންކޮށްގެން ބިރުދައްކައި ބުޝަންގެ ޓީ ސީރީޒްގެ ދަށުން ފައިސާ ހޯދަން މަސައްކަތް ކޮށްފަ އެވެ. މިކަމާ ގުޅިގެން ޓީ ސީރީޒްއިން ވާނީ މި މަހުގެ އެއްވަނަ ދުވަހު އަމްބޯލީ ޕޮލިސް ސްޓޭޝަންގައި އޭނާ އާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައި ކަމަށް ބޫޝަންގެ ޓީމުން ބުނެފައިވެ އެވެ. އަދި އެ މީހުންގެ އަތުގައި ހެކީ ގެ ގޮތުގައި ފޯނުގެ ކޯލް ރެކޯޑިން އެބަހުރި ކަމަށާއި މައްސަލަ ތަހުގީގުކުރާ އެޖެންސީއަށް ވެސް އެ ރިކޯޑިން މި މައްސަލައިގައި ހުށަހަޅާނެ ކަމަށް ޓީ ސީރީޒްގެ ޓީމުން ބުނެ އެވެ.
ބުޝަންއާމެދު ކޮށްފައިވާ ރޭޕްގެ ތުހުމަތާ ގުޅިގެން މިހާރު އޭނާގެ ވަކީލުންގެ ޓީމާ ވާހަކަ ދައްކަމުން ގެންދާކަމަށާއި ވަރަށް އަވަހަށް މިކަމަށް ގާނޫނީ ގޮތުން ފިޔަވަޅެއް އެޅިގެންދާނެ ކަމަށް ވެސް ބުޝަންގެ ޓީމުން ވަނީ ބުނެފަ އެވެ.