މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ފޯރުކޮށްދޭން ކުރަންޖެހޭ މަސައްކަތް ކުރިއަށްދާ ކަމަށާއި އަންނަ ނޮވެމްބަރުން ފެށިގެން ސިޓީ ކައުންސިލުގެ ހިދުމަތްތަކަށް އޮންލައިންކޮށް ދެވެން ފަށާނެ ކަމަށް މާލެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ މާލޭ ސިޓީގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭނު ދަށުން މާލެ ސިޓީ ވައިފައި ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މާލެ ސިޓީގެ ހިދުމަތްތައްވެސް އޮންލައިންކޮށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިހާރު މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދިނުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އަންނަ ނޮވެމްބަރު މަހުން ފެށިގެން އޮންލައިންކޮށް ހިދުމަތްދޭ ފެށޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ހުރިހާ ލިޔުން ކިޔުންތަކެއް މިހާރު ސްކޭން ވަނީ ކުރެވިފައި. ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތިން މަހަށް ފަހު ، ނޮވެމްބަރު މަހުގައި މުޅި މާލެ ސިޓީ ކައުންސިލު ޑިޓިޒަލައިން ވާނެ،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުގެ ހިދުމަތް އޮންލައިންކޮށް ދިނުމަށް ތައްޔާރުވަމުން އަންނައިރު މާލެ ސިޓީ ވައިފައި ކުރުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.
މާލެ ސިޓީ ސްޓެރެޖިކް އެކްޝަން ޕްލޭނުގެ ދަށުން މާލެ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. އެގޮތުން މާލެ އަކީ ހިތްފަސޭހަ ތަނެއްގޮތުގައި ތަރައްގީ ކުރުމަށްޓަކައި ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށް ވެސް ސިޓީ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ޕާކުކޮށްފައިވާ ގޮތް ބަދަލު ކުރުމަށްޓައި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެސް ސިޓީ ކައުންސިލުން ވަމުން އަންނަ ކަމށް މޭޔަރު ވިދާޅުވި އެވެ.