ބޮލީވުޑްގެ އެންމެ ފުންނާބު އުސް ބަތަލާއިންގެ ތެރޭގައި ހިމެނޭ ބޫމީ ޕޭޑްނޭކަރްއަކީ އޭނާ އެކްޓިންގެ ހުނަރުވެރިކަމުން ގިނަ ބައެއްގެ ލޯބި ހޯދާ، ބޮލީވުޑުގައި ފައިތިލަ ސާބިތުކޮށްފައިވާ ބަތަލާއެކެވެ.

ބޫމީއަށް މިއަދު އުމުރުން 32 އަހަރު ފުރޭއިރު، އޭނާ ބޮލީވުޑުގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަނީ ވަރަށް ގިނަ އަޑިގުޑަންތަކެއް ހުރަސް ކުރުމަށްފަހު އެވެ.

"އަހަރެން އަބަދު ވެސް ބޭނުންވީ އެކްޓްކުރަން. އަހަރެން މިއަދު މި ހުރި ހިސާބުގައި މި ހުރީ ވަރަށް ބުރަ މަސައްކަތުން. އަހަރެން އުޅެ ބޮޑުވީ މުމްބައިގައި. ފިލްމް އިންޑަސްޓްރީ ވެސް އޮތީ މިތަނުގައި،" އިންސްޓަ ބޮލީވުޑަށް މި ފަހުން ދިން އިންޓަވިއުއެއްގައި، ބޫމީ ބުނެފައިވެ އެވެ. "އެގޮތަށް ބަލާނަމަ އަހަރެންނަށް އިންޑަސްޓްރީން ފުރުސަތު ހޯދަން ތަންކޮޅެއް ފަސޭހަވި. އެކަމަކު އަހަރެންނަކީ ފިލްމީދާއިރާގެ އާއިލާއަކަށް ނިސްބަތްވާ މީހަކަށް ނުވެފައި، ދާއިރާގައި މަސައްކަތްކުރާ އެއްވެސް މީހެއް އަހަރެން އޭރަކު ނުވެސް ދަންނަން. އެހެންވެ ވަރަށް އުނދަގޫވި."

ބޫމީ ޕޭޑްނޭކަރް

ބޫމީ ބުނިގޮތުގައި، އޭނާގެ މައިންބަފައިން ފުރަތަމަ އޭނާ ފިލްމީ ދާއިރާއާއި ގުޅެން ގަބޫލުނެއް ނޫނެވެ. އޭނާގެ މައިންބަފައިން ބޭނުންވީ ބޫމީ އިތުރަށް ކިޔަވާށެވެ. ކަން މިހެންވުމާއެކު، އޭނާ 1.3 މިލިއަން ރުޕީސްގެ ލޯނެއް ނަގައިގެން، ފިލްމް ސްކޫލަކާ ގުޅުނެވެ. ނަމަވެސް އޭނާ ފިލްމް ސްކޫލަށް ގޮސްގެން އެކްޓިން ދަސްކުރަން ކުރި މަސައްކަތުން އޭނާ ފާހެއް ނުވި އެވެ.

"އަހަރެން ފިލްމް ސްކޫލުން ފެއިލްވީ އެކްޓްކުރަން ނޭންގޭތީ ކަމަކަށް ގަބޫލެއް ނުކުރަން. އޭރުގަ އަހަރެން ޑިސިޕްލިން ވާން ޖެހޭ ވަރަށް ޑިސިޕްލިންވެފައެއް ނޫން އަސްލު ހުރީ. އަހަރެން ފެއިލްވީމަ، ދެން ވަޒީފާއެއް ހޯދުމުގެ މަސައްކަތް ފެށިން. ލޯނު ދައްކަންވެގެން. އެހާލުގަ ވެސް އަހަރެން އެކްޓްކުރުމުގެ އުއްމީދު ގެއްލުވައެއް ނުލަން. މައިންބަފައިން އޭރުވެސް ދެކޮޅުވި. އަހަރެން ބުނިން އަހަރެންގެ ޑިގްރީ ފުރިހަމަކުރާނަމޭ،" ބޫމީ ބުންޏެވެ.

ފިލްމް ސްކޫލުން ފެއިލްވީ ހިސާބުން ބޫމީ މަސައްކަތްކުރީ ކާސްޓިން އެސިސްޓެންޓެއްގެ ގޮތުގަ އެވެ.

ބޫމީ ބުނިގޮތުގައި، ދާއިރާ ތެރެއިން ކޮންމެ ކަހަލަ ވަޒީފާއެއް އަދާކޮށްގެން ނަމަވެސް އޭނާ ހުރީ ފިލްމީ ދާއިރާއިން ކުރިއަށްދާން ތައްޔާރަށް ކަމަށާއި، އޭނާގެ ފުރަތަމަ ފިލްމް، "ދަމް ލަގާކޭ ހައިޝާ." އަށްފަހު ވެސް ފިލްމްތަކުން ރޯލު ހޯދުމަށް ބުރަ މަސައްކަތްތެއް ކުރަން ޖެހުނު ކަމަށެވެ.

ބޫމީގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި، ރާޖްކުމާރް ރާއޯއާއެކު ފުރަތަމަ ބޮޑު ސްކްރީނުން ފެންނަ ފިލްމް، "ބަދާއީ ދޯ" ހިމެނެ އެވެ. އަދި މީގެ އިތުރުން ދަރްމާ ޕްރޮޑަކްޝަން ބެނާގެ ދަށުން ކަރަން ޖޯހަރް ޑައިރެކްޓްކުރާ "ތަޚްތު"އިން ވެސް އޭނާ ފެނިގެންދާނެ އެވެ.