މާދަމާ އާއި މިއަދު މާލެ ސަރަހައްދުގައި ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގާ ސެންޓަރުތައް ބަންދުވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދު އާއި މާދަމާ ކޮވިޑަށް ސާޕަލް ނަގާ ސެންޓަރުތައް ބަންދުވި ނަމަވެސް މި މުއްދަތުގެ ތެރޭގައި ބަލި ޖެހިފައި ތިބި މީހުންނާ ކޮންޓެކްޓްވި މީހުންނާއި ކަރަންޓީންގައި ތިބި މީހުންގެ ސާމްޕަލްތައް ރެޕިޑް ރެސްޕޮންސް ޓީމުން ނަގަމުން ދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިވަގުތު ކޯވިޑަށް ޓެސްޓްކުރުމަށްޓަކައި ސާމްޕަލްތައް ނަގަމުން ދަނީ ސޯޝަލް ސެންޓަރާއި ވިލިމާލޭގައި އެކަމަށް ޚާއްސަކޮށްފައި ހުރި ސެންޓަރުތަކުންނެވެ. އަދި ސެނަހިޔާ އާއި ވިލިމާލޭގައި ވެސް ވަނީ ކޯވިޑްއަށް ޚާއްސަކޮށްގެން ފުލޫ ކްލިނިކްތަކެއް ގާއިމުކޮށްފަ އެވެ.

ކޮވިޑް ޖެހިފައިވާ މީހަކާއި ބައްދަލުވެ ނުވަތަ ޑައިރެކްޓް ކޮންޓެކްޓެއް ނަމަ އަދި ބަލީގެ އަލާމާތްތައް ހުރިނަމަ މާލޭގައި ދާން ޖެހޭނީ ސެނަހިޔާ ފްލޫ ކްލިނިކަށެވެ. ވިލިމާލޭގައި ބަލީގެ އަލާމާތް ފެންނަ ހުރިހާ މީހުން ވެސް ދައްކަން ޖެހޭނީ ފްލޫ ކްލިނިކްތަކަށެވެ.

އެޗްޕީއޭއިން ކުރިއަށް އޮތް ދެދުވަހު ސާމްޕަލް ނެގުން ހުއްޓާލާފައިވާއިރު އީދު ބަންދުގައި ވެކްސިން ޖެހުން ވެސް ވަނީ މަޑުޖައްސާލާފަ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ހާލަތު ރަނގަޅުވުމުން ކުރިން އަރާފައިވާ ހަރުކަށި ފިޔަވަޅުތަކަށް މިހާރު ވަނީ ލުއިތަކެއް ދީފަ އެވެ. ލުއިތައް ދިނުމާ ގުޅިގެން އީދު ބަންދާ ދިމާކޮށް އެއް ރަށުން އަނެއް ރަށަށް އަންނަނީ ދަތުރުކުރަމުންނެވެ.

އީދުގެ ހަރަކާތްތައް ގިނަ މީހުން އެއްވެގެން ނުބޭއްވުމަށް އެޗްޕީއޭއިން ވަނީ އަންގަވާފަ އެވެ.