ރާއްޖެ ވިއްކާލަނީ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން މި ސަރުކާރުގެ ބޮލުގައި އަޅުވަނީ ދޮގު އިލްޒާމެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފެދިފައި ވަނީ ވަރަށް ގާތް ގުޅުމެކެވެ. އެކަމަކު، އެއީ އިދިކޮޅު ފަރާތްތަކުން ރުހޭ ގުޅުމަކަށް ނުވެ އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އިންޑިއާގެ ބޭނުމަކީ ރާއްޖެއަށް ވެރިވެގަތުމެވެ. އަދި އިންޑިއާ އިން ބޭނުން ވަނީ އެ މީހުންގެ ބާރުގެ ދަށަށް ގެންދިއުމަށް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ނަމަވެސް މި ހުރިހާ ތުހުމަތުތަކެއް ސަރުކާރާއި އިންޑިއާ އިން ވެސް މީގެކުރިން ވަނީ ދޮގުކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. ކުރީގެ ސަރުކާރުން އެންމެ ގާތް ގުޅުމެއް ބޭއްވި އެއް ގައުމަކީ ޗައިނާ އެވެ. ނަތީޖާއެއްގެ ގޮތުން ޗައިނާ އިން ވަނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް ހިންގައިފަ އެވެ.

ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމު ވިއްކާލަނީ ކަމަށް ބުނެ ކުރަނީ ދޮގު ތުހުމަތެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއާ އެކު ހަދާފައިވާ "ޑީލް"ތަކުގެ ސަބަބުން ރާއްޖެ ދަރަނިވެރިވެފައިވާ ކަމަށް ވެސް ނަޝީދު ތުހުމަތު ކުރެއްވި އެވެ.

ނަޝީދު އެގޮތަށް ވިދާޅުވެފައި ވަނީ އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރަމުންދާ ކަމަށް ބުނެ "އިންޑިއާ އައުޓް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފައްޓާފައި ވަނިކޮށެވެ. ގިނަ ބަޔަކު އަންނަނީ މި ގައުމަށް އިންޑިއާ އިން އެހީތެރިކަން ދެނީ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ބެހެއްޓުމަށް ކަމަށް ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފަ އެވެ.