ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ނެހާ ދޫޕިއާ އާއި އަންގަދް ބޭޑީއަށް ދެވަނަ ދަރިފުޅަކު ލިބެން އުޅޭކަމުގެ އުފާވެރި ހަބަރު އިއުލާންކޮށްފި އެވެ.

މިދެތަރިން މިއުފާވެރި ޚަބަރު އާންމުންނާ ހިއްސާކޮށްފައި ވަނީ ހޯމަ ދުވަހު އެމީހުންގެ އިންސްޓަގްރާމް އެކައުންޓްގައި ފޮޓޯއަކާއެކު ކުރި ޕޯސްޓެއްގަ އެވެ. ނެހާ އާއި އަންގަދްގެ މިޕޯސްޓަށް ބޮލީވުޑް އަދި އިންޑިއަން ޓެލެވިޒަންގެ ގިނަ ފަންނާނުންތަކެއް އަންނަނީ މަރުހަބާ ކިޔަމުންނެވެ.

މި ފޮޓޯ ގައި ދެމަފިރިންނާއި އެމީހުންގެ ދެ އަހަރުގެ އަންހެން ދަރިފުޅު މެހެރް ފެނިގެންދަނީ ކަޅު ކުލައިގެ ހެދުމުގަ އެވެ. އެގޮތުން ނެހާ އޭނާގެ ބަނޑުގައި ހިފަހައްޓާލައިގެން ހުރިއިރު އަންގަދް ހުރީ އެއް އަތުން ދަރިފުޅު އުރާލައިގެން އަދި އަނެއް އަތުން ނެހާގެ ބަނޑުގައި ވަރަށް ލޯބިން އަތްޖައްސާލައިގެންނެވެ.

https://www.instagram.com/p/CRftzxRnpdG/?utm_medium=copy_link

ނެހާ ދޫޕިއާ އާއި އަންގަދް ބޭޑީ ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. މި ދެ ތަރިންނަށް ހަމަ އެ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ވަނީ އަލަތު ދަރިފުޅު މެހެރް ލިބިފަ އެވެ.

ނެހާގެ ބައެއް މަސައްކަތްތަކަށް ބަލާލާއިރު އޭނާ ވަނީ ސިންގް އިޒް ކިންގް، ތުމާރީ ސުލޫ، ހިންދީ މީޑިއަމް ފަދަ ފިލްމުތަކުން ފެނިފަ އެވެ. ނެހާ ވަނީ ރިއަލިޓީ ޝޯ "ރޯޑީސް" ގެ ޖަޖުކަން ވެސް ކޮށްފަ އެވެ. ނެހާގެ ކުރިޔަށް ދެން އަންނަން އޮތް މަސައްކަތަކީ ވިދްޔުތް ޖަމްވާލްއާއެކު ފެނިގެންދާ "ސަނަކް" އެވެ.

އަންގަދް ބޭޑީގެ އެންމެ ފަހުގެ މަސައްކަތަށް ބަލާއިރު އޭނާ ފެނިގެން ގޮސްފައިވަނީ ޖާންވީ ކަޕޫރު އާއެކު ބަޔޯޕިކް "ގުންޖަން ސަކްސޭނާ" އިންނެވެ. މި ފިލްމު ގައި އަންގަދް ކުޅެފައިވަނީ ގުންޖަން ގެ ބޭބެ އަނުޝްމަން ސަކްސޭނާ ގެ ރޯލެވެ.