މިއަދަކީ މި އަހަރުގެ އަޟްހާ އީދު ދުވަހެވެ. އަހަރު ތެރޭގައި މުސްލިމުންނަށް އަންނަ މި މުނާސަބަތަކީ ދިވެހިންގެ މެދުގައި ވެސް އެކި ގޮތްގޮތަށް ފާހަގަ ކުރެވޭ މުނާސަބަތެކެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އީދު ދުވަސް ފާހަގަ ކުރުމަށްޓަކައި ކުރެވޭ ތަފާތު ބައެއް ކަންކަން ހުރެ އެވެ.

މިގޮތުން ދިވެހިންގެ ތެރޭގައި އޮތް އީދު ފާހަގަކުރުމުގެ އެކި ސަގާފަތްތަކަށް މި ލިޔުމުގައި ކުރުކޮށް ބަލާލާނަމެވެ.

އީދު ހުޅު ޖެހުން: ބ. ތުޅާދޫ

އީދު ހުޅުޖެހުމަކީ ބ. އަތޮޅުގެ ރަށްތަކުގެ އިތުރުން ރާއްޖޭގެ އެހެނިހެން ކަންކޮޅުތަކުގައި ވެސް ކުރެވެމުން އަންނަ ކަމެކެވެ. އީދު ވިލޭރޭ ރަށުގެ އަތިރިމަތީގައި އީދު ހުޅުޖެހުމާއެކު އީދު ފާހަގަ ކުރުން ރަސްމީކޮށް ފެށުނީ އެވެ. މިއީ އިހު ޒަމާނުގައި އީދަށް ހަނދު ފެނިއްޖެކަން އަވަށްޓެރި ރަށްތަކަށް އެންގުމަށް ކޮށްއުޅުނު ކަމެއް ނަމަވެސް މިއަދު އެއީ އީދުގެ ސަގާފަތުގެ ތެރެއިންވާ ކަމެކެވެ.

ނަގިލި ނެގުން: މ. މުލި

އީދު ކުޅިވަރުތަކުގެ ތެރެއިން މ. މުލީގައި ނަގާ ނަގިއްޔަކީ ތަފާތު ކުޅިވަރެކެވެ. މެދުރާއްޖެ ތެރޭގެ ބައެއް އެހެން ރަށްރަށުން ވެސް މި ކުޅިވަރު ފެނުނު ނަމަވެސް މުލީ ރައްޔިތުން މި ކުޅިވަރު ކުޅެމުން އަންނަ ގޮތް ވަރަށް ތަފާތެވެ. މި ކުޅިވަރުން ދައްކުވައިދެނީ ރާއްޖޭގެ ރަށެއްގައި ބަނދަރު ކޮށްފައި އޮތް ބޯޓެއް ފުރަންވެގެން އެބޯޓުގެ ނަގިލި ނެގުމަށް ކައްޕިތާނާއި ފަޅުވެރިން ކުރާ މަސައްކަތެވެ.

މައްސުނި ބޯކިބާ: ލ. ފޮނަދޫ

ލ. އަތޮޅުގެ ގިނަ ރަށްރަށުގައި މިއީ އީދާ ގުޅުވައިގެން ކުރެވޭ ކަމެކެވެ. އީދު ދުވަހުގެ ހެނދުނަށް ތައްޔާރު ކުރެވޭ މި ކެއުން ތައްޔާރު ކުރުމުގައި ކުދިބޮޑު އެންމެން ބައިވެރިވެ އެވެ. މައްސުނި ބޯކިބާއަކީ ވަޅޯ މަސް ބޭނުންކޮށްގެން ވަރަށް ބޯކޮށް އަޅާ ބޯކިބަލެކެވެ. މިއީ އީދު ދުވަހުގެ ނުވަ ގަޑިއަށް ލ. އަތޮޅު މީހުން ހަދާ ކެއުމެކެވެ.