ކުރީގެ ސަރުކާރުން ހުޅުމާލެ ދެ ވަނަ ދިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތައް ފިނިޝިންގެ މަސައްކަތް ނިންމަށް ނުވަ މަސް ދިނުމަށް އަދިވެސް ސަރުކާރުން ނުވިސްނާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ހުރިހާ" ނިއުސްގައި "ހިޔާ ފްލެޓް ފިނިޝިންގެ މަސައްކަތް ނިމަންޖެހޭ މުއްދަތު އިއުލާނު ކުރަނީ" މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރު ހިއްސާ ކުރައްވަމުން މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ ރައްޔިތުން އެދޭ އެދުމަށް ސަރުކާރުން ބީރު ކަފަތެއް ދޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދިވެސް ސަރުކާރުން ހިޔާ ފްލެޓް ފިނިޝިންނަށް މުއްދަތު އިތުރު ކުރުމަށް ނުވިސްނާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
އެޗްޑީސީއިން ވަނީ ހިޔާ ފްލެޓް ފިނިޝިންނަށް ތިން މަސް ދިނުމަށް ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް ހިޔާ ފްލެޓް ލިބުނު ފަރާތްތަކުން ވަނީ އެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފަ އެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވީ ފިނިޝިން މަސައްކަތަށް ދިނުމަށް ހަމަޖެހިފައިވާ ތިން މަސް ދުވަހަކީ އެމަސައްކަތްތައް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ. މުއްދަތު އިތުރުކުރުމަށް ރައްޔިތުންގެ ފަރާތުން ވެސް އެދެމުންދާތީ އެތިން ތިން މަސް ދުވަސް ނުވަ މަސް ދުވަހަށް އިތުރުކޮށްދިނުމަށް އެދި ސަރުކާރަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުގެ ސިޔާސަތު އެގޮތަށް ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކޭ ކަމަށެވެ. އަދި ސަރުކާރުން ހައުސިން ޑިވަލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ)އަށް އެގޮތަށް އަންގާނެ ކަމަށް އުންމީދުކުރާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
"ސަރުކާރު ސިޔާސަތު އެގޮތަށް ބަދަލުކޮށްދެއްވައި އެގޮތަށް އެޗްޑީސީއަށް އަންގައިދިނުމަށް އެދެން. ތިން މަސް ދުވަހަކީ ކުރުމުއްދަތެއް ކަމަށްވާތީ އެމުއްދަތު ނުވަ މަސް ދުވަހަށް ހައްދަވައިދެއްވަން. އޭރުން ރައްޔިތުންނަށް އަނެއްކާ ވެސް އިތުރު ލުއެއް ލިބިގެންދާނެ." ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވި އެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ކުރުމަށް ދިނުމަށް ނިންމާފައިވާ ތިން މަހުގެ މުއްދަތު ގުނަން ފަށާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ހާމަކޮށްފަ އެވެ.
ހިޔާ ފްލެޓް ލިބުނު ފަރާތްތަކާއެކު އެގްރީމެންޓްގައި ސޮއިކުރަން މިހާރު ވަނީ ފަށައިފަ އެވެ.
ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރި ނަމަވެސް، ތަނުގެ ފިނިޝިން މަސައްކަތަށް ދިނުމަށް ހަމަޖެހިފައިވާ ތިން މަސް ދުވަހުގެ މުއްދަތު ގުނަން ފަށާނީ، ކަރަންޓުގެ މަސައްކަތް ނިމުމުން ކަމަށް އެޗްޑީސީން ބުންޏެވެ.
އެގްރީމެންޓްގައި ސޮއިކުރުމަށްފަހު، ތަނުގެ ތަޅުދަނޑި ވެރިމީހާއާ ހަވާލުކޮށް، ތަން ހަވާލުކުރި ކަމުގެ ލިޔުން ދެނީ ހިޔާ ފްލެޓް ސަރަހައްދުންނެވެ. އެއާއެކު ފްލެޓަށް ގެންނަވާ އިތުރު ބަދަލުތައް ގެނައުމަށް ޚާއްސަ ހުއްދައަށް އެދޭ ފޯމާއި، ފެން ގުޅުމުގެ މަސައްކަތް ވެސް އެ ސަރަހައްދުން ވަގުތުން ފުރިހަމަ ކޮށްދެ އެވެ. ތަނުގެ ވެރިމީހާގެ ހާޒިރުގައި ފެން ގުޅައިދިނުމުގެ މަސައްކަތް ވެސް އަންނަނީ ވަގުތުން ކޮށްދެމުންނެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހިއަށް ކަރަންޓް ދިނުމުގެ މަސައްކަތް ނިންމާލާފައިވާއިރު، ހިޔާ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ 16 ޓަވަރަށް ކަރަންޓް ދިނުމުގެ މަސައްކަތް އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ މަސައްކަތް ކުރަމުން އަންނައިރު ހިޔާ ފްލެޓްތަކަށް ބޭނުންވާ ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅާފަ އެވެ. ކަރަންޓް ފްލެޓްތަކަށް ލިބުމުން ފެނާއި ނަރުދަމާގެ ހިދުމަތް ވެސް ލިބޭނެ އެވެ.