ކޮވިޑު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާތާ ދެ ހަފުތާވުމުން ފަތުރުވެރިންނަށް ރަށްރަށުގެ ގެސްޓްހައުސްތައް ހުޅުވާލަން ނިންމައިފިއެވެ.
އެޗްޕީއޭ އިން މިރޭ ނެރުނު އިއުލާނެއްގައި ވަނީ، މިމަހުގެ 26 ވަނަ ދުވަހުގެ ފަހުން 72 ގަޑިއިރު ނުވާ ޕީސީއާރު ނަތީޖާއަކާއެކު ރާއްޖެ އެތެރެވާ ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްތަކުގައި ހުންނަ ގެސްޓްހައުސްތަކަށް ދެެވޭނެ ކަމަށެވެ.
އެފަދަ ފަތުރުވެރިންނާއެކު ވެކްސިން ނުޖެހޭ އުމުރުގެ ކުދިންނަށްވެސް މީހުން ދިރިއުޅޭ ރަށްތަކުގައި ހުންނަ ގެސްޓްހައުސްތަކުގައި ތިބެވޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުން ފަތުރުވެރިން ޗެކްއައުޓް ވެވޭނީ، ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮވެގެން ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ވެކްސިންގެ ޑޯޒް ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ވަކި ހާލަތްތަކެއްގައި ރަށްރަށުގެ ގެސްޓްހައުސްތަކަށް ދަތުރުކުރެވޭނެ ގޮތް ވަނީ ފަހިކޮށްދީފަ އެވެ.
ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ރަށްރަށުގެ ގެސްޓްހައުސްތަކަށް ދަތުރުކުރެވޭނެ ހާލަތްތައް:
- ރަށުގައި ދިރިއުޅޭ އާބާދީގެ 60 ޕަސެންޓް މީހުން ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވުން
- ރަށްރަށުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް 95 ޕަސެންޓް މީހުންނަށް ވެކްސިންގެ ޑޯޒް ފުރިހަމަވެފައިވުން
- ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވުން