ރާއްޖެ އަންނަ ދިވެހީންނާއި ވޯކްޕާމިޓް ހޯލްޑަރުން ވެކްސިން ފުރިހަމަކޮށްފައިވާނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ ނެރުނު އިއުލާނެއްގައި ވަނީ ދިވެހީންނާއި ވޯމް ޕާމިޓް ހޯލްޑަރުންނަށް ރާއްޖެ އެެތެރެވެވޭނީ 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮވެގެން ކަމަށެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތްތަކުގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ނުވާ މީހުންނާއި ކޮވިޑް ވެކްސިންގެ ޑޯޒް ފުރިހަމަކޮށް، ރާއްޖެ އަންނަ ދުވަހާ ހަމައަށް 14 ދުވަސްވެފައިވާ މީހުން ކަރަންޓީންވާން ނުޖެހޭނެ ކަމަށެވެ.

އެފަދަ މީހުންނާ އެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީންވާކަށް ނުޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ. އެކަމަކު ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ރާއްޖެ އެތެރެވާތާ 5-7 ދުވަސްތެރޭގައި ޕީސީއާރު ޓެސްޓު ހެދުން ވަނީ ލާޒިމްކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ދަށްވުމާއެކު އެޗްޕީއޭ އިން ވަނީ ބޮޑެތި ލުއިތަކެއް ދީފަ އެވެ.