ކޮވިޑް ބަލި ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ރާއްޖެއިން ބޭރުން އައިސް ކަރަންޓީންވާން ނުޖެހޭ ގޮތް ހެދުމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކޮވިޑްގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ރާއްޖޭން ބޭރުން އައިސް ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުސޫލަށް އެޗްޕީއޭއިން ވަނީ ބަދަލުކޮށްފަ އެވެ.

އެޗްޕީއޭއިން އާންމުކުރި އުސޫލުގައިވާ ގޮތުގައި ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޔޫސް ލިސްޓްގައި ހިމެނޭ ކޮވިޑް ވެކްސިނެއް ފުރިހަމަކޮށް، 14 ދުވަސް ވެފައިވާ މީހެއްނަމަ ރާއްޖެ އެތެރެވުމަށްފަހު ކަރަންޓީންވާކަށް ނުޖެހޭނެ އެވެ.

އޭގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވެ، ބަލިން ރަނގަޅުވިތާ 60 ދުވަސް ނުވާ މީހެއް ނަމަވެސް، ރާއްޖެ އެތެރެވުމަށްފަހު ކަރަންޓީންވާކަށް ނުޖެހޭނެ އެވެ. އުސޫލުގައިވާ ގޮތުން ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނާއި ބަލިން ރަނގަޅުވި މީހުންނާއެކު ދަތުރުކުރާ ކުޑަކުދިން ވެސް ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.

މިކަމާ ގުޅިގެން މޭޔަރު ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ރާއްޖޭން ބޭރުން އައިސް ކަރަންޓީން ވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލު ކުރުމާ ގުޅިގެން އަނެއްކާ ވެސް އިތުރު "ރާޅެއް" ބޯމަތިވެފައިވާ ކަމަށެވެ.

"އަނެއްކާ އިތުރު ރާޅެއް ބޯމަތިވެގެން މިދަނީ. ހުރިހާ ގެއްލުމެއް ނިކަމެތި ރައްޔިތުންނަށް،" މޭޔަރު ވިދާޅުވި އެވެ.

ރޭ އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގެ ދަށުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ވެސް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ނަމަ ގެސްޓް ހައުސް ހުންނަ ރަށްތަކަށް ކަރަންޓީނަކާ ނުލައި ދަތުރުކުރެވޭނެ އެވެ. އަދި ރާއްޖެއަށް މަސައްކަތް ކުރަން އަންނަ ފަރާތްތަކަށްވެސް ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ނަމަ ކަރަންޓީން ވާކަން ނުޖެހެ އެވެ.

މިބަދަލާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށާއި އެޗްޕީއޭއަށް ފާޑުކިޔަމުންނެވެ.