ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށް މިސަރުކާރުގެ ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރަށް ފާޑުވިދާޅުވެ މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރެކޭ ޖަވާބުނުދޭ ފޯން ނަންބަރެކޭ ތަފާތެއް ނެތް ކަމަށެވެ. ސަރުކާރު އޮތީ، ނުހިނގައި، ހުއްޓިފައި ކަމަށާއި އިންވެސްޓްމަންޓެއް ވެސް ރާއްޖެއަށް ނުގެނެވުނު ކަމަށް ވެސް ކުރީގެ މިނިސްޓަރު މަލީހް ވިދާޅުވި އެވެ.

މީގެ އިތުރުން މަލީހް ވިދާޅުވީ ސަރުކާރުން ވެވަޑައިގެންނެވި ވައުދުތައް ނުފުއްދި ސަރުކާރު އޮޔާ ގޮސްފައިވާ ކަމަށެވެ.

ދާތި ފަހު ޕީޕީއެމްއާ އަލުން ގުޅި ވަޑައިގަތް މަލީހު ވިދާޅުވީ ރާއްޖެއަށް ތަރައްގީ ގެނެވޭނީ ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށާއި ތަރައްގީގެނެވޭނެ ރައީސް އަކީ ރައީސް ޔާމީން ކަމަށެވެ.

"އިންސާފުގެ ދަތުރުގެ އޮޑި ކަނޑުފެތި އޮޑީގެ ބައިތައް ރަށްރަށަށް އެބަ ލައްގާ. ހައްލަކީ ޕީޕީއެމްގެ ވެރިކަމެއް،" މަލީހު ވިދާޅުވި އެވެ.

ކުރީގެ މިނިސްޓަރު މަލީހު ސަރުކާރަށް ފާޑުކިޔާފައިވާއިރު މިސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން މަސައްކަތް ކުރެވެން ނެތް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި މިދިޔަ ކައުންސިލް އިންތިޚާބުގައި މާލެއިން އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ވެސް ސަރުކާރުގެ ސަބަބުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައި ވެ އެވެ.