ޕާކިސްތާނުގައި ބަޔަކު ރަހީނުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާ މިސްބާހު މުހައްމަދު އެނބުރި ރާއްޖެ އަތުވެއްޖެ އެވެ.

މިސްބާހު ގެއްލިގެން އޭނާ ހޯދުމަށް ފުލުހުން އިއުލާންކުރީ މިދިޔަ މޭމަހުގެ 14 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ ގެއްލިގެން އުޅުނު މިސްބާހު މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އޭނާ މާލެ އައުމާއެކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ޕާކިސްތާނަށް ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މިސްބާހު ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ ރާއްޖެއިން ދުބާއީ އަށް ފުރާފަ އެވެ. އަދި އޭނާ ދުބާއީ އަށް ދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު، މަސްޖަރީ 2 ނަމަކަށް ކިޔާ މަސް ދޯންޏަކުން ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ އިރުފާން ތަގިއްޔު އާއެކުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މިސްބާހް އާއެކު ދުބާއީއަށް ދިޔަ އިރުފާން ވަނީ އޭގެ 11 ދުވަސް ފަހުން އަނބުރާ މާލެއަށް އައިސްފަ އެވެ. އޭގެ އެއްދުވަސް ފަހުން ނޮވެމްބަރު 23 ގައި މިސްބާހް ވަނީ ދުބާއީ އިން ޕާކިސްތާނަށް ގޮސްފަ އެވެ.

ފުލުހުން އޭރު ބުނި ގޮތުގައި މިސްބާހު ޕާކިސްތާނަށް ދިޔައީ، އިރުފާން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި ހުންނަ ގެރެންޓާއެއްގެ ގޮތުގަ އެވެ.

އޭނާ ގެއްލިގެން ރިޕޯޓު ކުރި ފަހުން އޭނާ ވަނީ އޭނާ ހުރީ ރަހީނުކޮށްފައި ނޫން ކަމަށާއި އެތަނުގައި ހަމަ ހުރީ ކަމަށް ބުނެފަ އެވެ.