އިތުރު 92 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 21 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 48 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން 18 މީހަކާއި ސިނާއީ މަސައްކަތް ކުރާ ރަށަކުން ފަސް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 76،546 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،606 ގައި މިހާރު ހުރިއިރު 73،710 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 11 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 218 މީހަކު ވަނީ މަރުވެފަ އެވެ.

މާލެއިން ޕޮޒިޓިވްވި އަދަދުތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ފާއިތުވި ހަ މަހުގެ ތެރޭގައި ވެސް މިވަރަށް ދަށްވެފައެއް ނުވެ އެވެ