ރޯވަން އެޓްކިންސަންއޭ ބުނުމުން ގިނަ ބަޔަކަށް ނޭނގިދާނެ އެވެ. ނަމަވެސް މިސްޓަ ބީން ނޭނގޭ މީހަކު ވަރަށް މަދުވާނެ އެވެ.

ރޯވަންއަކީ މެދު ފަންތީގެ އާއިލާއަކަށް ނިސްބަތްވާ ތަރިއެކެވެ. ވާހަކަ ދެއްކުމުގައި އަޅައިގަންނަ ގޮތެއް ހުރުމުގެ ސަބަބުން ވަރަށް ގިނަ ގުނަ އުނދަގޫތަކާ ކުރިމަތިވުމުގެ އިތުރުން، ސިފަ ހުތުރު ކަމަށް ބުނެ ދިމާކުރުމާއި ބުލީ ކުރުމާ ވެސް ކުރިލާން ޖެހުނެވެ. ބުލީ ކުރި ކުދިން ރޯވަން އޭލިއަންއަކާ ވައްތަރު ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ ސަބަބުން އޭނާ އެކަނިވެ، ރަހުމަތްތެރިން މަދުވެ، ސައިންސްއަށް ޝައުގުވެރިވި އެވެ.

ރޯވަންގެ ޓީޗަރެއް ބުނެފައި ވަނީ އޭނާ ކުޅަދާނަ ސައިންޓިސްޓަކަށް ވެދާނެކަމުގެ އުއްމީދުނުކުރާ ކަމަށާއި ނަމަވެސް އެންމެން ދެކުނު ގޮތް ގޯސްވެ އޮކްސްފޯޑް ޔުނިވަސިޓީން އޭނާއަށް ޖާގަ ލިބުނެވެ.

ރޯވަން އެޓްކިންސަން (މިސްޓަ ބީން). އެކި ދުވަސް ވަރުގެ ފޮޓޯ

އޮކްސްފޯޑުގައި ކިޔަވަން އުޅުނު ދުވަސްކޮޅު އެކްޓިންގެ ދާއިރާއަށް އޭނާގެ ލޯބި ޖެހުނުނެވެ.

ވާހަކަ ދެއްކުމުގައި އަޅައިގަންނަ ގޮތެއް ހުރުމުގެ ސަބަބުން ރަނގަޅަށް އެކްޓުނުކުރެވޭތީވެ، ފިލްމު އަދި ޓެލެވިޒަން ދާއިރާއިން ކުރިއަށް ދިއުމުގެ ކުރިން އިލެކްޓްރިކަލް އިންޖިނިއަރިންގް އިން ޑިގްރީ ހާސިލްކުރި އެވެ.

ޑިގްރީ ހާސިލްކުރުމަށްފަހު ރޯވަން އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ކޮމެޑީ ގުރޫޕަކާ ގުޅުނެވެ. މިފަހަރު ވެސް އޭނާގެ އެކްޓިންގެ ހުރަހަކަށްވީ ވާހަކަ ދެއްކުމުގައި ދިމާވި އުނދަގުލެވެ. ގިނަ އަދަދެއްގެ ޓީވީ ޝޯތަކުން ވަނީ އޭނާ ރިޖެކްކުރުމުގެ ސަބަބުން ރޯވަންއަށް މާޔޫސްވާން ޖެހުނުވެ.

ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް ރޯވަން އޭނާގެ އަމިއްލަ ނަފްސަށްކުރި އިތުބާރު ގެއްލުވާނުލައި ކުރިއަށް ދިޔަ އެވެ. އެހެން މީހުން ހެއްވާލުމުގެ ހުނަވެރިކަން ހުރިކަމަށް އޭނާއަށް ޔަގީންވެ އަމިއްލައަށް ދާއިރާއިން ކުރިއަށް ދިއުމަށް ނިންމި އެވެ.

ލަސްތަކެއް ނުވެ އޭނާއަށް ވިސްނުނީ އެހެން ކެރެކްޓައެއްގައި މަސައްކަތްކުރުމުން ވާހަކަ ދެއްކުމުގައި ދިމާވާ އުދަގޫތައް ނުވެ ފަސޭހަކަމާއެކު އެކްޓްކުރެވޭ ކަމެވެ. މާސްޓާސްއަށް ކިޔަވަމުން ދިޔަ ދުވަސްކޮޅު ރޯވަން ވަނީ ވާހަކަ ނުދައްކާ ހެއްވާ މަޖާ އާދަޔާ ހިލާފު ކެރެކްޓަ "މިސްޓަ ބީން" އުފައްދާފަ އެވެ.

ރޯވަން އެޓްކިންސަން (މިސްޓަ ބީން)

ރޯވަން އެޓްކިންސަން ޝޯތަކުން ކާމިޔާބު ލިބުނު ނަމަވެސް "މިސްޓަ ބީން"ގެ ސަބަބުން މުޅި ދުނިޔޭގައި އޭނާ މަޝްހޫރު ވެގެންދިޔަ އެވެ. ހުރިހާ އުނދަގުލަކާ ދަތިތަކެއް އަދި ހޮލީވުޑުން ފެންނަ ތަރިންގެ ސިފައެއް ނެތްކަމުގައި ވިޔަސް ކާމިޔާބާއި ލޯބި ލިބިދާނެކަން ރޯވަން ވަނީ ސާބިތު ކޮށްދީފަ އެވެ.

ރޯވަން އެޓްކިންސަން ދުނިޔޭގެ އެންމެ މަގުބޫލް އެކްޓަރުން އަދި ކޮމެޑިއަންގެ ތެރޭގައި ހިމެނޭއިރު މިއަދު އޭނާގެ ނެޓް މިލްކިއްޔާތަކީ 130 މިލިއަން ޑޮލަރެވެ.