އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ދައްކާ ވާހަކަތަކަށް ވުރެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ދައްކާ ވާހަކަތަކަށް އިތުބާރު ކުރައްވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ މެމްބަރުން ތިބީ ކަސްތޮޅު އެދިފައިތޯ ސުވާލު ކުރުމުން އެކަމަށް ރައްދު ދެއްވާ އިންތި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު ދައްކަވާ ވާހަކަތައް ގަބޫލުކުރައްވާ ކަމަށެވެ. ހަރުކަށި ފިކުރުގެ ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރު އެވަނީ ބޮން ގޮއްވާ ޒަހަމްކޮށްލާފައި ކަމަށާއި އެއީ އެމްޑީޕީގެ ރައީސް ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

"ރޮޒައިނާއަށް ވުރެ އަހަރެން ރައީސް ނަޝީދަށް އިތުބާރުކުރަން. ދެން ކާކުގެ ބަހަކަށް އަހަރެން ބުރަންދަން ދޭވީ،" އިންތި ވިދާޅުވި އެވެ

ހަރުކަށި ފިކުރުގެ ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދު ކަމަށާއި ބޮން ގޮއްވާ އެމަނިކުފާނު ޒަހަމް ކޮށްލެއްވުމުން އެ ހާލުކޮޅުގައި އޮންނަވައިގެން ވެސް އެ ހާލަތަށް ގައުމު ދިޔަ ސަބަބާއި ހައްލު ކުރަން ފަސްޖެހެމުންދާ ގޮތުގެ ވާހަކަ ދެއްކެވުމުން ދެން އެކަމުގައި އެމްޑީޕީގެ ވަކި އެހެން މީހަކަށް ދެއްކެން އޮންނާނެ ވާހަކައެއް ނޯންނާނެ ކަމަށް އިންތި އިއްޔެ ވިދާޅުވުމުން ރޮޒައިނާ ވަނީ އިންތި އަށް ރައްދު ދެއްވާފަ އެވެ.

އެގޮތުން ރޮޒައިނާ ވަނީ އެމްޑީޕީގައި ތިބީ ކަސްތޮޅު އަޅުވާފައި ތިބި ބައެއްތޯ އިންތިއާ ވަނީ ސުވާލު ކުރައްވާފަ އެވެ.

ވެރިކަން ކުރާ އެމްޑީޕީގެ މެދުގައި ހިޔާލު ތަފާތުވުން ގިނަވެ، ބައިބައިވުން ވެސް އިތުރުވެ، ދެ ފެކްޝަނެއްގެ ގޮތުގައި ނުރަސްމީކޮށް އަންނަނީ މަސައްކަތް ކުރަމުންނެވެ.