ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާގެ ތަހުގީގު ފުލުހުން ހޯދާފައިވާ ކުރިއެރުންތަކަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ތައުރީފް ކުރައްވައިފި އެވެ.
ފުލުހުން ވަނީ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާގެ ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކާ ބެހޭ ގޮތުން ރޭ މައުލޫމާތު ދީފަ އެވެ.
ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓްގައި ވިދާޅުވީ މޭ ހަ ވަނަ ދުވަހުގެ ހަމަލާގެ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގި އެންމެ ބޮޑު، އެންމެ ބުރަ އަދި އެންމެ ކާމިޔާބު އެއް ތަހުގީގު ކަމަށެވެ.
އިމްރާން ވިދާޅުވީ ފުލުހުންގެ އެކި ޑީޕާޓްމަންޓްތަކުގެ އެތައް ސަތޭކަ ފުލުހުންގެ ބައިވެރިވުމާއެކު ތަހުގީގު ކާމިޔާބު ކުރުމަށް ކުރި މަސައްކަތް ބަލައިގަންނަ ކަމަށެވެ.
އިމްރާނުގެ އިތުރުން ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީ އެންމެ އިސްކޮށް އުޅުނު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވެސް ފުލުހުންގެ މަސައްކަތަށް ވަނީ ތައުރީފް ކުރައްވާފަ އެވެ. އަދި ތަހުގީގު ނިމޭއިރު މި ހަމަލާގެ އެންމެ ފުނަށް ވާސިލުވެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އިމްރާނު އާއި އަސްލަމް ފުލުހުންގެ މަސައްކަތަށް ތައުރީފް ކޮށްފައިވާއިރު، ރައީސް ނަޝީދުއަށް ތާއީދު ކުރައްވާ އެމްޑީޕީ މެމްބަރުން އަންނަނީ ފުލުހުން ރޭ ދިން މައުލޫމާތުތަކުގައި ސުވާލު އުފެދޭ ކަންކަން ހިމެނޭ ކަމަށް ބުނަމުންނެވެ. ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ވެސް ފާޑުކިޔަމުންނެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު މީހުންގެ މައުލޫމާތާއި އެ މީހުންގެ ހަރަކާތްތައް ހުރި ގޮތް ދައްކުވައިދޭ ވީޑިއޯ ފުޓޭޖުތައް ވެސް ދައްކާލާފަ އެވެ.
ފުލުހުން ބުނީ ހަމަލާއަކީ ހަރުކަށި ފިކުރާ ގުޅުހުންހުރި, ފިކުރީ ސަބަބުތަކައްޓަކައި ދީފައިވާ ހަމަލާއެއް ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަކީ ބަޔަކު ފަންޑުކޮށްގެން ހަމަލާގެ އިނާމެއްގެ ގޮތުގައި ފައިސާ ހުށަހަޅާފައިވާ ކަމެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.