ރަޝިއާގެ ނިކޮލޭ ބާގަޔޭވް ގަބޫލުކުރާ ގޮތުގައި އޭނާއަށް މަރުގެ ތުންފަތް މަތިން ދެ ފަހަރު ސަލާމަތް ވެވުނެވެ. އުމުރުން 102 އަހަރުގެ ބާގަޔޭވް މިފަހަރު މަރުގެ ތުންފަތް މަތިން ސަލާމަތްވީ ކޮވިޑާ ދެކޮޅަށް ހަނގުރާމަކުރުމަށްފަހު ކާމިޔާބު ހޯދައިގެންނެވެ.

ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި އެނދުމަތި ކުރެވުނުއިރު ބާގަޔޭވްއަކީ ފުއްޕާމޭގެ 80 ޕަސެންޓަށް ގެއްލުން ލިބިފައިވާ މީހެކެވެ. ނަމަވެސް އައިސީޔޫގައި ހަފްތާއަކާއެކު މަހަކަށް ވުރެ ގިނަ ދުވެސް ހޮސްޕިޓަލުގައި ހޭދަކުރުމަށްފަހު މިދިޔަ އަންގާރަ ދުވަހު އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

މީގެ ކުރިން ބާގަޔޭވް މަރުގެ އިހުސާސް އެންމެ ގާތުން ކޮށްފައި ވަނީ 1941 ވަނަ އަހަރު ޖަރުމަނުގެ އުދުވާނުންނާ ދެކޮޅަށް ރަޝިއާގެ އަސްކަރިއްޔާއިން ކުރި ހަނގުރާމައިގަ އެވެ. އެ ކުރިމަތިލުންތަކުގައި އޭނާގެ ފުއްޕާމެއަށް ގެއްލުން ލިބުނުކަމުގައި ވިޔަސް އުމުރުގެ ހަނގުކަމާއެކު އޭރު އޭނާ ވަނީ ވަރަށް ފަސޭހައިން ރަނގަޅުވެފަ އެވެ.

ނަމަވެސް ކޮވިޑާ ދެކޮޅަށް ކުރި ހަނގުރާމައަކީ ފަސޭހަ ހަނގުރާމައެއް ނޫން ކަމަށް ބާގަޔޭވް ބުންޏެވެ.

ދެންމެ ދެންމެ މަރު އައިސް ބައްދަލު ކޮށްފާނެހެން ހީވި ކަމަށާއި ކާމިޔާބުކަމާއެކު ބަލިން ރަނގަޅުވެވުނީ ޑޮކްޓަރުން ކުރެއްވި މަސައްކަތުން ކަމަށް ވެސް އޭނާ ބުންޏެވެ.

"ޑޮކްޓަރުން ކުރެއްވި މަސައްކަތް އަހަރެން ވަރަށް ގާތުން ދުށިން. އެ މީހުންނަށް ޝުކުރު އަދާ ކުރަން،" ބާގަޔޭވް ބުންޏެވެ.

ބާގަޔޭވްއަކީ ރަޝިއާއިން ޖަރުމަނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ބައިވެރިވެ، މިވަގުތު ދުނިޔޭގައި ތިބި މަދު އަސްކަރީ އޮފިޝަލުންގެ ތެރެއިން އެކެކެވެ.

އޭނާ ވަނީ މިދިޔަ މެއި މަހު ރަޝިއާގައި ބޭއްވި އަހަރީ ނަސްރުގެ ޕެރޭޑްގައި ރައީސް ވްލަޑިމީރު ޕުޓިންއާއެކު ބައިވެރިވެފަ އެވެ.

ބާގްޔޭވް ބުނިގޮތުގައި އެ އުމުރުގައި ކޮވިޑުން ރަނގަޅުވުމަށް އެންމެ ބޮޑު އެހީއެއް ލިބުނީ އަސްކަރިއްޔާގައި އުޅުނު ދުވަސްވަރު ތަމްރީނުތަކުގެ ތެރެއިން ދަސްވި ނޭވާލުމުގެ އުކުޅެއްގެ ސަބަބުންނެވެ.