މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމުން ޒީނާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

އެ ކޮމިޓީން އެގޮތަށް ފާސްކުރިޔަސް ޒީނާ މަގާމުން ވަކިވާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނަގާ ވޯޓުގައި އެގޮތަށް ފާސްކޮށްގެނެވެ. ކޮމިޓީން މިހާރު ވަނީ އެ ނިންމުން މަޖިލީހުގެ ރައީސަށް ފޮނުވާފަ އެވެ. ޒީނާ ވަކިކުރަން ފާސްވީ ކޮމިޓީއަށް ހާޒިރުވި ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ ވޯޓުންނެވެ.

ޒިނާ މަގާމުން ވަކިކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބްރޯޑްކޮމަށް އައްޔަން ކުރި ބޭފުޅުން މަގާމުން ވަކިކުރުމަށް މަޖިލީހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޒީނާ ހާޒިރުކޮށް ވަނީ ސުވާލުތަކެއް ކޮށްފަ އެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި ޒީނާއާ މެމްބަރުން ސުވާލު ކުރެއްވީ ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެ ޓީވީ ޖޫރިމަނާ ކުރި ކުރުމާ ގުޅޭގޮތުންނެވެ.

ޒީނާ ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަން ކޮށްފައި ވަނީ 5 އޭޕްރިލް 2016ގަ އެވެ. އޭނާގެ މެމްބަރުކަމުގެ ދައުރު ހަމަވާން މިހާރު އޮތީ ހަ މަސް ދުވަހެވެ.