ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މަދު ނުކުރެވިއްޖެ ނަމަ، ސިއްހީ ނިޒާމަށް ނުތަކާ ހާލަތަކަށް ކަންކަން ބަދަލުވެ، ފަރުވާ ކުރެވޭނެ ވަސީލަތްތަކާއި އާލާސްތައް ހުރި ނަމަވެސް، ފަރުވާ ދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ނުތަކާ ވަރަށް ބަލި މީހުން އިތުރުވެ، ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

"ކޯވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ރާއްޖޭގެ މީޑިއާތަކުން އިސްނަގައިގެން ހިންގާ ކެމްޕޭން ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ހާއްސަ ވީޑިއޯ މެސެޖުގައި ކޯވިޑް-19 އާއި ގުޅިގެން ޤައުމަށް ކުރިމަތިވެފައިވާ ހާލަތަށް އަލިއަޅުއްވައިލެއްވި އެވެ.

ރައީސް ވިދާޅުވީ، މި ބަލި ޖެހޭ މީހުންގެ އަދަދު މަދު ނުކުރެވިއްޖެ ނަމަ، ޞިއްޙީ ނިޒާމަށް ނުތަކާ ހާލަތަކަށް ކަންކަން ބަދަލުވެދާނެ ކަމަށެވެ. އަދި، ފަރުވާ ކުރެވޭނެ ވަސީލަތްތަކާއި އާލާސްތައް ހުރި ނަމަވެސް، ފަރުވާ ދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ނުތަކާ ވަރަށް ބަލި މީހުން އިތުރުވެ، ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އެބައޮތް ކަމަށެވެ.

"މިހާރުވެސް މިބަލީގައި ރާއްޖެއިން 29 މީހަކު އަޅުގަނޑުމެންނާ ވަކިވެއްޖެ. އޭގެތެރެއިންވެސް ގިނައީ، ޢުމުރުން ދުވަސްވީ އިސް ރަށްވެހިން. މިއީ އެ ބޭފުޅުންގެ ޢާއިލާތަކަށްވެސް، އަދި މުޅި ޤައުމަށްވެސް ލިބޭ ވަރަށް ބޮޑު ދެރައެއް، ވަރަށް ބޮޑު ހިތާމައެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވަނީ، އެ ފަދަ ހާލަތަކަށް ކަންކަން ނުދަނީސް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކޮށް، މި ބަލި ފެތުރުން ހުއްޓުވަން އެންމެން އެކުގައި މަސައްކަތްކުރުމަށް ގޮވައިލައްވާފަ އެވެ. އަދި، ފަރުދީ ޒިންމާ އަދާކުރުމުގެ ގޮތުން ޒަރޫރީ ބޭނުމެއްގައި މެނުވީ އާންމުންގެ ތެރެއަށް ނުނިކުތުމަށާއި، މާސްކު އަޅައިގެން މެނުވީ ބޭރުގައި ނޫޅުމަށާއި، ގިނަގިނައިން އަތްދޮވެ، ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގަންނަވާފަ އެވެ.

މިރޭ އިފްތިތާހު ކުރެވުނު ކެމްޕޭނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިއީ ގައުމީ މަސައްކަތެއްގައި ގޮތުގައި ސިފަކުރައްވާ، މިކަން އިންތިޒާމުކުރުމުގެ ފަހަތުގައި ތިއްބެވި އެންމެހައި ބޭފުޅުންނާއި މީޑިއާތަކަށް ޝުކުރު ދަންނަވާފަ އެވެ. އަދި، މީޑިއާތަކުން ކުރާ މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހި ނޫސްވެރިންނަކީ ގައުމީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަން ދޭ ބައެއް ކަމަށާއި، ގައުމަށް ކުރިމަތިވާ އެކިއެކި ހާލަތްތަކުގައި ދިވެހި ނޫސްވެރިން ކުރަމުންދަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް ކަމަށެވެ.

"އަޅުގަނޑުމެން އެންމެންނަށް އެ މަންޒަރު އެބަ ފެނޭ. ދިވެހި ނޫސްވެރިންނަށް ވެސް އެ މަންޒަރު ވަރަށް ގާތުން އެބަ ފެނޭ. ކޯވިޑް ފެތުރުމާ ދެކޮޅަށް، ރާއްޖޭގެ މީޑިއާތައް މި ތެދުވީ، ކަމުގެ ނުރައްކާތެރިކަމާއި، ގައުމަށް ލިބިދާނެ ގެއްލުން، ދިވެހި ނޫސްވެރިންނަށް ވަރަށް ރަނގަޅަށް ތަސައްވަރު ކުރެވޭތީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އެހެން ގައުމުތަކާއި އަޅައިބަލާއިރު ރާއްޖެއަކީ އެންމެ ރައްކާތެރި އެއް މަންޒިލުކަން ފާހަގަކުރެއްވި އެވެ. އަދި، އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ގެސްޓް ހައުސްތައް އަލުން ހުޅުވައިލަން ސަރުކާރުން ތައްޔާރުވަމުން ގެންދަވާއިރު، މި މެސެޖު ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ޝައުގުވެރިވާ ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ. ހަމައެއާއިއެކު، ކަންކަމުގެ ހަގީގަތް ނުއޮޅޭ ގޮތަށް، ތެދު ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދިވެހި ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ.

"މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި، އިރާދަކުރެއްވީތީ ކޮމިޔުނިޓީ ސްޕްރެޑެއް ނެތް. އަދި އެހެން ރަށަކުން ބަލިމީހަކު ފެނުނަސް، ޞިއްޙީ ޚިދުމަތްތެރިން އެ އަންނަނީ، ވަރަށް ރަނގަޅަށް އެކަން މޮނިޓަރކޮށް ކޮންޓްރޯލް ކުރަމުން. އަދި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ރިޒޯޓްތަކާއި މީހުން ދިރިއުޅޭ ރަށްތައް މި އޮންނަނީ މުޅިން ވަކިން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅު ނިންމަވައިލެއްވީ، މި ކެމްޕޭނަށް ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި، މިނިވަން މުއައްސަސާތަކުގެ ބައިވެރިވުން ބޭނުންވާކަން ފާހަގަކުރައްވާ، ވަކިން ޚާއްސަކޮށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން މިކަމަށް ދެއްވުމަށް ގޮވައިލައްވަމުންނެވެ. ކޯވިޑް-19 ކޮންޓްރޯލް ކުރުމުގައި ފަރުދީ ޒިންމާގެ ދައުރު މިހާރަށްވުރެ ފުޅާކުރުމާއިމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ކެމްޕޭނުގައި ރާއްޖޭގައި ޙަރަކާތްތެރިވާ ގިނަ މީޑިއާތަކުން ބައިވެރިވެ އެވެ.