ދުނިޔޭގެ އެންމެ މަޝްހޫރު ކުޅިވަރު މުބާރާތް ކަމަށްވާ އޮލިމްޕިކްސް ޖަޕާނުގައި ފެށިގެން ކުރިއަށް ދާއިރު އެ މުބާރާތާ ގުޅޭ ބައެއް ކަންކަމަށް ބަލާލުން އެންމެ ރަނގަޅުވާނެ އެވެ.

އެގޮތުން މި ލިޔުމުގައި މި ބަލާލަނީ އޮލިމްޕިކްސްގެ ތާރީޚުގެ ތެރެއިން ކުރިމަތިވި ބައެއް ތަފާތު ކަންކަމަށެވެ. މިއީ ގަބޫލު ކުރަން ދަތިވިޔަސް މި މުބާރާތުގެ ތެރެއިން ހިނގާފައިވާ ކަންކަމެވެ.

ސްވިމިން ޕޫލް ފެހިކުލައަށް ބަދަލުވުން

2016 ވަނަ އަހަރު ރިއޯގައި ބޭއްވުނު އޮލިމްޕިކްސްއިން އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ އެ މުބާރާތުގެ ފެތުމުގެ އިވެންޓްގައި ބޭނުންކުރަން ހަމަޖެހިފައިވި ސްވިމިން ޕޫލްތަކުގެ ފެންގަނޑު ފެހި ކުލައަކަށް ބަދަލު ވުމެވެ. މުބާރާތް އިންތިޒާމް ކުރި ފަރާތުން ބުނި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ 80 ލީޓަރުގެ ހައިޑްރޮޖެން ޕެރޮކްސައިޑް އެ ޕޫލްތަކަށް އެޅުމުގެ ސަބަބުން ކަމަށެވެ.

އިނގިރޭސި ރާނީ ސްކައިޑައިވް ކުރުން

އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދެވަނަ އަކީ އެކަމަނާގެ އާއްމު ފެނިލުން ތަކުގައި ޝާހީ ޕްރޮޓޮކޯލްތައް ދަމަހައްޓަން ވަރަށް އިސްކަން ދެއްވާ ބޭފުޅެކެވެ. ނަމަވެސް 2012 ވަނަ އަހަރު ލަންޑަންގައި ބޭއްވުނު އޮލިމްޕިކްސް މުބާރާތުގައި އެކަމަނާ ފެނިގެން ދިޔައީ މުޅިން ތަފާތުކޮށެވެ. މަތިންދާ ބޯޓަކުން ސްކައި ޑައިވް ކުރައްވެނިކޮށް އާއްމުންނަށް ފެނުނު ނަމަވެސް ފަހުން އެނގުނު ގޮތުގައި އެއީ ރާނީގެ ހެދުންކޮޅުގައި ހުރި އެހެން މީހެކެވެ.

ހުސްފަޔާ ދުވުމުގެ މުބާރާތުގައި ބައިވެރިވުން

އެތްލީޓުންނަކީ އެމީހުންގެ ކުޅިވަރުތަކުގައި ހިތްވަރާއި ގަދަ އަޒުމާއެކު ކޮންމެފަދަ ހާލަތެއްގައި ވެސް ބައިވެރިވާން ތައްޔާރަށް ތިބޭ ބައެކެވެ. މިކަން އެންމެ ރަނގަޅަށް ފެނުނީ އިޓަލީގެ ރޯމްގައި 1960 ވަނަ އަހަރު ބޭއްވުނު އޮލިމްޕިކްސްގެ އެތްލެޓިކްސް އިވެންޓްގައި ބައިވެރިވި އިތިއޯޕިއާގެ ދުވުންތެރިޔަކަށް މުބާރާތުގައި ބޭނުންކުރާނެ ރަނގަޅު ބޫޓެއް ނުލިބުމުން ހުސްފަޔާ ރޭހުގައި ބައިވެރިވެ ރަންމެޑަލް ހާސިލް ކުރުމުންނެވެ.