ސަރުކާރުގެ އިހްމާލުން ކޮވިޑް-19 ގެ ޓެސްޓް ކިޓްތަކެއް ހަލާކުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވަނީ އެކަން ހާމަކުރައްވާފަ އެވެ.

އެޗްއީއޯސީން އެކަން ހާމަކުރީ އޭޑީބީ އިން އެޗްއީއޯސީއަށް ދިން 40،000 ޕީސީއާރް ޓެސްޓް ކިޓް ހަލާކުވެގެން އެއްލާލާފައިވާ ކަމަށް އެމްވީ ކްރައިސިން ޓެލެގްރާމް ޗެނަލުން މިއަދު ބުނެފައި ވަނިކޮށެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރިއިރު، ހަލާކުވީ ޖުމްލަ ކިތައް ޓެސްޓް ކިޓް ކަމެއް ޑރ. ނަޒްލާ ވިދާޅެއް ނުވެއެވެ. އޭގެބަދަލުގައި ވިދާޅުވީ މައްސަލަ ޖެހިފައި ވަނީ އެއް ޓެސްޓް ކިޓްގެ ބެޗުގައި ކަމަށެވެ. އަދި އެ ބެޗުގައި 3،000 ޓެސްޓް ކިޓް ބާކީ އެބަހުރި ކަމަށް ވިދާޅުވި އެވެ.

މައްސަލަ ޖެހުނު ޓެސްޓް ކިޓްގެ ޖުމްލަ އަދަދު އެޗްއީއޯސީން ހާމަނުކުރުމުން މިކަމުގައި ބައެއް ކަންކަން ފޮރުވަން އުޅޭ ކަމަށް ތުހުމަތު ކުރެވެ އެވެ.

ޑރ. ނަޒްލާ ވިދާޅުވިގޮތުގައި އެ ބެޗުގެ ހުރިހާ ކިޓްތައް ބޭކާރުވެގެން އުކާލާފައި ނުވެއެވެ. އޭގެތެރެއިން ގިނަ ކިޓްތަކެއް ހުރީ ބޭނުންކުރެވޭ ފެންވަރުގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"ޝައްކު އުފެދޭ އެއްވެސް ކިޓެއްގެ ނަތީޖާ ރިޕޯޓުކޮށްފައެއް ނުވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.