ހެނދުނުގެ ނާސްތާއަކީ ދުޔަހެޔޮ ސިއްހަތަކަށް ކިހާ މުހިއްމު ނާސްތާއެއްކަން ޑޮކްޓަރުން އަބަދުވެސް ވިދާޅުވެ ދެއްވަ އެވެ. އެ ނާސްތާގެ މުހިއްމުކަން އެނގިހުރެ ވެސް ބަނޑުހައި ނުވާތީ އެ ނާސްތާނުކޮށް ދޫކޮށްލާ މީހުން އަހަރެމެންގެ ތެރޭގައި ވަަރަށް ގިނަ އެވެ.
ހެނދުނު ހޭލާއިރު ބަނޑުހައިނުވުމަކީ އާއްމު ކަމަކަށް ނުވި ނަމަވެސް ދިރިއުޅުމުގެ ބައެއް އާދަތަކާއި ސިއްހީ ހާލަތްތަކުގެ ސަބަބުން މިއީ ވެދާނެ ކަމެކެވެ.
އެގޮތުން ބަލާއިރު ރޭގަނޑު މާ ގިނައިން ކެއުމާއި ދަންވަރު ލުއިކާނާ ކެއުމަކީ ހެނދުނު ބަނޑުހައި ނުވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. މީގެ އިތުރުން ކާން ބޭނުންކުރާ ބޭސްތަކާއި ހަށިގަނޑުގައި ހޯމޯންސް ދައުރުވާ މިންވަރުން ވެސް މިކަމަށް އަސަރު ކުރެ އެވެ.
ދެން އޮތީ ބަނޑުހައި ނުވި ނަމަވެސް ހެނދުނުގެ ނާސްތާކުރަން ޖެހޭނެތޯ ކުރެވޭ ސުވާލެވެ. އާއްމު އުސޫލެއްގެ ގޮތުން ބަނޑުހައި ނުވާނަމަ ކެއުން މުހިއްމެއް ނޫނެވެ. ނަމަވެސް ހެނދުނުގެ ނާސްތާއަކީ ދުވަހާ ކުރިމަތިލާއިރު ކުރާ ނާސްތާއަކަށްވުމުން ދުވަސް ފަށައިގަތުމަށްޓަކައި ލުއިގޮތަކަށް ނަމަވެސް ހެނދުނުގެ ނާސްތާ ކުރުމަކީ އެދެވިގެންވާ ކަމެކެވެ.
ހެނދުނުގެ ނާސްތާއަކީ ގިނަ ބަޔަކަށް ފަރުވާކުޑަ ކުރެވޭ ނާސްތާ އެކެވެ. ހެނދުނުގެ ނާސްތާ ކުރުމުން ލިބޭ ފައިދާތަކާއި ދޫކޮށްލުމުން ލިބޭ ގެއްލުންތަކަށް ހޭލުންތެރިވެ މި ނާސްތާ އެންމެ ރަނގަޅު ގޮތުގައި ކުރުމަކީ އެންމެންގެ އަމާޒަކަށް ވާންވާނެ އެވެ.