އާންމު ދިރިއުޅުމުގެ ހާލަތަށް ރުޖޫއުވުމަށްޓަކައި ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ނުޖަހާ ވެކްސިން ނުޖަހާ ފަރާތްތަކުން ޖެހުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފި އެވެ.

ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުމަށް ސަރުކާރުން ފަށާ ޕްރޮގުރާމާ ބެހޭ ގޮތުން މިއަދު ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑާ ގުޅިގެން ކުރިމަތިވި ދަތި ހާލަތުގައި އެތައް މަހެއް ހޭދަކުރުމަށްފަހު، އަލުން އާންމު ދިރިއުޅުމުގެ ހާލަތަށް ދެވެން އޮތް މަގަކީ ވެކްސިން ކަމަށެވެ.

އާންމު ދިރިއުޅުމުގެ ހާލަތަށް ރުޖޫއަވެ، މަސައްކަތްކޮށް ވިޔަފާރިތައް ހިންގައި އާއިލާއާއި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކުރުމަށް އޮތް މަގަކީ ވެކްސިން ޖެހުންކަން ފާހަގަކުރައްވައި ރައީސް ވަނީ ވެކްސިން ޖެހުމަށް ބާރުއަޅުއްވާފަ އެވެ.

އަދި މިހާތަނަށް ވެކްސިން ޖަހާފައިނުވާނަމަ މިހާރު ގޮސް ވެކްސިން ޖެހުމަށް އެމަނިކުފާނުވަނީ އެދިވަޑައިގެންފަ އެވެ. އާއިލާއާއި މުޖުތަމަޢަށްޓަކައި އެކަން ކުރުމަށް އެމަނިކުފާނު ދިވެހިންނަށް އިލްތިމާސް ކުރައްވާފައިވެ އެވެ.

ސަރުކާރުން ވަނީ އަންނަ މަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިން ޖަހަންޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމަށް އަމާޒު ހިފައިފަ އެވެ. މިކަން ކާމިޔާބުކުރުމަށް ސަރުކާރުން މިހާރު ވަނީ އެސްޓްރާޒެނެކާއިން ވެކްސިން ޝިޕްމަންޓެއް ވެސް ގެނެސްފަ އެވެ.

މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ ހިމެނެނީ ވެކްސިން ޖަހަންޖެހޭ މުޅި އާބާދީއަށް ވެކްސިންޖެހޭ ވަރަށް ވެކްސިން ލިބުނު މަދު ޤައުމުތަކުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އެކަން ކަށަވަރުކޮށް މިބަލިމަޑުކަމުން އަރައިގަތުމަށް ވެކްސިން ފުރިހަމަކުރުމަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރުމަށް މަބްރޫކް ވަނީ އެދިވަޑައިގެންފަ އެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އަތޮޅު ތެރޭގައި އެސްޓްރާޒެނަކާގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖަހަން ފަށާފައިވާ ކަމަށެވެ. އަދި މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒަކަށް ކޮވިޝީލްޑް ޖެހި ކަމަށް ވިޔަސް ދެވަނަ ޑޯޒްގެ ގޮތުގައި އެސްޓްރާޒެނެކާ ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ. ރާއްޖޭގައި މިހާރު ޖަހަމުން ގެންދަނީ ކޮވިޝީލްޑްގެ އިތުރުން އެސްޓްރާޒެނެކާ ވެކްސިނާއި، ޗައިނާގެ ސިނޯފާމް ވެކްސިނާއި، ފައިޒާ ވެކްސިނެވެ. އޭގެ ތެރެއިން ފައިޒާ ވެކްސިން މިވަގުތު ވަނީ ހުސްވެފަ އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 321،594 މީހަކު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފަ އެވެ. އަދި ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވަނީ 263،067 މީހުންނެވެ.