ދައުލަތުގެ ފަރާތުން ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން 86 ހެއްކެއް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައި ވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

އަދި މީގެ އިތުރުން، ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކް އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ރައީސް ޔާމީންގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ވެސް ޕީޖީއަށް ފުލުހުން މިދިޔަ މަހު ވަނީ ފޮނުވާފަ އެވެ.

މި ދެ ދައުވާ އާއި ގުޅިގެން މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ޝަފަވީ އަދި ކިތާބީ ހެކި ހިމެނޭހެން ޖުމުލަ 86 ހެއްކެއް ހުށަހަޅާފަ އެވެ. އެހެން ނަމަވެސް ހެކިތައް ހުށަހަޅާ ސަބަބެއް ދައުލަތުގެ ފަރާތުން ހާމަކޮށްފައެއް ނުވެ އެވެ.

ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)، ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ހިމެނެ އެވެ.

ދައުލަތުގެ ޝަފަވީ ހެކިންގެ ތެރޭގައި ދެން ހިމެނެނީ ލ. ދަނބިދޫ އަފްޒާ، އަހުމަދު އާމިރު، މއ. ސާނީވިލާ، މުހައްމަދު ޝިފާއު، ރ. އިނގުރައިދޫ، ބުލްބުލާގޭ، މުހައްމަދު ހުސެއިންފުޅު، ހ. ވެހެލި، އަހުމަދު ޝާއިގު، މއ. ޕޮމްޕިއާ، އަހުމަދު ރަޝީދު، ހ. ލެވެންލީ، އަހުމަދު ޝާކިރު އަދި ތަހުގީގުގައި ބައިވެރިވި ބައެއް ފުލުހުންނެވެ.

ކިތާބީ ހެކީގެ ތެރޭގައި އެމްއެމްޕީއާރްސީއާއެކު ބަދަލުކުރި ސިޓީތަކަކާއި ޓްރާންސެކްޝަންތަކާ ގުޅޭ ގިނަ އަދަދެއްގެ ލިޔުންތައް ހިމެނެ އެވެ.

ޔާމީންގެ ފަރާތުން ހެކި ހުށަހެޅުއްވި، ވަކީލު އާދަމް ޝަމީމް ވިދާޅުވީ، އެ މަނިކުފާނުގެ ފަރާތުން ވެސް ދެ މައްސަލަގައި ހިމެނެނީ އެއް ހެކިތަކެއް ކަމަށެވެ. އެގޮތުން ފަސް ޝަފަވީ ހެއްކަކާ ޖުމުލަ 30 ހެއްކެއް ހުށަހެޅުއްވި އެވެ.

ޝަފައީ ހެކިންގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރޭގައި ދައުލަތުން ވެސް ހުށަހެޅި ހެކިންގެ ތެރެއިން، ސަން ސިޔާން އާއި އަބްދުﷲ ރަޝީދުގެ އިތުރުން މާލޭގެ މިހާރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި ގއ. ކޮލަމާފުށި، ޝުއާއުﷲ ސައީދު ވަނީ ހުށަހަޅައިފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވެސް ދިފާއަށް ތައްޔާރުވާން ބޭނުންވާ ބައެއް ލިޔެކިޔުންތައް ލިބިފައި ނުވާ ކަމަށް ރައީސް ޔާމީންގެ ވަކީލުން ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސް ގާނޫނީ ވަކީލު، އަދި އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، ދައުލަތުގެ ހުށަހެޅުންތަކާ ގުޅޭ އެ ލިޔެކިޔުންތަކަކީ ދިފާއަށް ވަރަށް މުހިއްމު ލިޔުންތަކެއް ކަމަށެވެ. ހާއްސަކޮށް އެ މައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ އެކަމާބެހޭ އޭސީސީގެ ރިޕޯޓު ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ޝަކުވާތަކާ ގުޅިގެން އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، އެ ލިޔުންތަކަކީ ކަނޑައެޅިފައި އޮންނަ އުސޫލުން އެތަކެތި ހޯދަން އެދުމުން ލިބޭނެ ތަކެތި ކަމަށެވެ. އެހެންކަމުން އެކަމަށް އެދި ކޯޓަށް ހުށަހެޅުމުން، އެއީ ދިފާއަށް ބޭނުންވާ ތަކެތި ކަމަށް ފެންނަ ހިނދެއްގައި އެ ތަކެތި ދިފާއަށް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ރިޕޯޓު ހޯދަން ޝަރީއަތުން ފުރުސަތު ދިނަސް، ދިފާއީ ވަކީލުން އެދުނު ގޮތަށް މިއަދު އެކަމާ ހެދި ހެކި ހުށަހެޅުމުގެ ބައި މަޑުނުޖައްސަން އިސް ގާޒީ އަހުމަދު ޝަކީލު ނިންމެވި އެވެ.

މިއަދުގެ އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަަހަޅާ ހުށަހެޅުންތަކައް ހުށަހަޅަން 10 ދުވަހުގެ މުއްދަތެއް އިސް ގާޒީ ޝަކީލު ދެއްވި އެވެ. އަދި ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު ކަމަށް އިއުލާނު ކުރެއްވި އެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މި އަހަރުގެ ޖެނުއަރީ ހަތް ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައ ޔާމީން ވަނީ ދައުވާތަކަށް އިންކާރު ކުރައްވައިފަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ދެވަނަ މައްސަލަ އެވެ. މިހާރު ވެސް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު މަނީލޯންޑަރ ކުރި މައްސަލައެއް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އޭގެ އިތުރުން ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ، ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އެފައިސާ އަދި އެމަނިކުފާނު ދަޢުލަތަށް ދައްކަވާފައެއް ނުވެ އެވެ. މިމައްސަލައިގެ އިސްތިއުނާފުގެ މައްސަލާގައި ހައިކޯޓުންވެސް ވަނީ ދަށު ކޯޓުގެ ޙުކުމަށް ތާއީދުކޮށްފަ އެވެ.