މަކަރާއި ހީލަތުން 60،000 އަށް ވުރެ ގިނަ ރުފިޔާ އަތުލި މައްސަލާގައި މީހަކު ހޯދުމަށް ފުލުހުން އިއުލާނު ކޮށްފި އެވެ.

ފުލުހުން ހޯދަން އިޢުލާންކޮށްފައިވަނީ 36 އަހަރުގެ ހއ. ބާރަށް، ކޭސީވިލާ، އިބްރާހީމް ރަޝީދު އެވެ.

ފުލުހުން ބުނީ، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް ސުވާލު ކުރުމަށް އޭނާ ހޯދަމުން ދަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އަދި ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް މިމަހުގެ އަށް ވަނަ ދުވަހު ހާޒިރުވުމަށް އަންގާ އިއުލާނު ކުރާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު މީހަކަށް ގުޅައި މަކަރާއި ހީލަތުން 60،186.68 ރުފިޔާ ހޯދާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ހޯދަމުން އަންނަ މީހެކެވެ.

ރާއްޖޭގައި ސްކޭމް ކޯލުން އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަ ވަނީ އާންމުވެފަ އެވެ.