ކޮރަޕްޝަންގެ ކުދިކުދި މައްސަލައިގެ ތަހުގީގުތައް ވަރަށް އަވަހަށް ނިންމިޔަސް، ބޮޑެތި މައްސަލަތައް ނުބެލޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

މަޖިލިހުގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުންގެ ފާޑު ކިޔުން އޭސީސީގެ މެމްބަރުންނަށް އަމާޒުވި އެއް މައްސަލައަކީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދަށް ދައުވާ ކުރަން އޭސީސީން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވަނިކޮށެވެ. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު 444ރ. ދައްކަވަން ޖެހުނު މައްސަލައަކީ ވެސް މެމްބަރުން މަލާމަތް ކުރެއްވި މައްސަލައެކެވެ.

މެމްބަރުންގެ ބޮޑު ކަންބޮޑުވުމަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އޭސީސީ އަށް ނުބެލި ލަސްވާތީއެވެ. ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި އެ މައްސަލަ ނުބެލިގެން އުޅެނީ އޭސީސީގައި ވަސީލަތްތައް ނެތިގެން ނޫނެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތަހުގީގުތައް އޭސީސީ އަށް ނުހިންގިިގެން އުޅެނީ ގާނޫނުތައް ނެތިގެނެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ބޮޑެތި މައްސަލަތައް ބަހައްޓާފައި މީސްމީހުންގެ ނަން ކިލަނބު ކުރަން އޭސީސީން ތަހުގީގުތައް ހިންގާ ކަމަށެވެ. އަދި އޭސީސީއަކީ ނާގާބިލް ބައެއްގެ ގޮތުގައި އިންތި ވަނީ ސިފަ ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ރާއްޖޭގައި ބަޔަކު ވައްކަން ކުރީމަ، އޭސީސީ އަށް ބަލަން ނުކެރުނު ކަމަށެވެ. އީވާ ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ވައްކަމެއްކޮށްފައި އޮތް ނަމަ، އެ ވައްކަން "ފަސް އަޅައި ފޮރުވުމުގެ" ބަދަލުގައި "ފަސް ނެގުމުގެ" މަސައްކަތް ކުރުން ކަމަށެވެ. ނުހައްގުން މުއްސަނދިވެފައިވާ މީހުންނަށް އަދަބު ދިނުމަކީ މުހިންމު ކަމެއް އީވާ ވިދާޅުވި އެވެ.

އެކަމަކު، އެ ވާހަކަ ދައްކަން ލަދު ގަންނަ ހިސާބަށް ގޮސްފައި ވަނީ، ވައްކަން ކުރި މީހުންނަށް އަދަބު ނުދެވިގެން އުޅޭތީ ކަމަށް އީވާ ވިދާޅުވި އެވެ.

"ވެރިކަން ލިބިއްޖެ، ރައްޔިތުންގެ މަޖިލިސް ލިބިއްޖެ. މިނިވަން މުއައްސަސާތައް އިސްލާހު ކުރަން އަޅުގަނޑުމެންނަށް ލިބިއްޖެ. އެކަމަކު ވެސް އަޅުގަނޑުމެންނަށް ހިލާ މިކަމެއް ނުވި. އެހެންވީމަ ލަދު ގަންނަން ޖެހެއޭ މި ދަންނަވަނީ. އެކަމަކު ވެސް ދައްކާނަން. ކަން ވަންދެން ދައްކާނަން. ލަދުން ހުރެ ވެސް ދައްކަން ޖެހޭ ވާހަކަތައް ހުރޭ،" އީވާ ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާާޅުވީ އިންސާފު ގާއިމު ކުރުމަކީ ސަރުކާރުގެ ވެސް އެންމެ ބޮޑު ވައުދު ކަމަށާއި އެ ވައުދު ފުއްދުމުގެ މަސައްކަތް ކުރާ މައިގަނޑު އެޖެންސީއަކީ އޭސީސީ ކަމަށެވެ. އެމްޑީޕީން ވައުދުވީ ހުރިހާ ކަމެއް ފުނިޖެހެމުން ގޮސް ދައުލަތް މިހާރު ބޮޑު ޖޯކަކަށް ވާ ހިސާބަށް އެބަދާ ކަަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އޭސީސީ އިން މައްސަލަ ބެލުމުގައި އިސްކަން ދޭ ތަރުތީބު އޭނާއަށް އެއް ގޮތަކަށް ވެސް ސާފު ނުވި ކަމަށެވެ. މައްސަލައަކަށް ނުވާ ކަންކަމުގައި މައްސަލަ އުފައްދައިގެން ދައުވާ ކުރަން ފޮނުވާއިރު އެމްއެމްޕީއާރުސީ ފަދަ ބޮޑެތި ހިޔާނާތްތައް ނުބެލޭ ކަމަށް އޭނާ ވިދާޅުވި އެވެ.